Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

މުފްތީ މެންކްގެ ދަރުހެއް މިރޭ އައްޑޫގައި

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކްގެ ދަރުހެއް މިރޭ އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

މިރޭ 20:15 ގައި ބާއްވާ މި ދީނީ ދަރުސް އޮންނާނީ ހިތަދޫ ނޫރާނީ ސްކޫލްގައެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އެކި ރަށްތަކުގައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން މާލޭގައި ރޭ ވަނީ މުފްތީ މެންކްގެ ދަރުހެއް ބާއްވާފައެވެ. އަދި މާދަމާ ރޭ މުފްތީ މެންކްގެ ދަރުހެއް ކުޅުދުއްފުށި ސިޓީގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އަދި ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ މެންކަކީ، ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.