Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ތަރައްގީ ގެނެވޭނީ މާލެ އާއި އަތޮޅުތެރޭގެ ފަރަގު ނައްތާލައިގެން: ރައީސް

އަމާޒަކީ މާލެ އާއި އަތޮޅު ތެރޭގެ ފަރަގު ނައްތާލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުން ކަމަށާއި މާލެ އާއި އަތޮޅުތެރޭގައި މި އަދަދުގެ ތަފާތު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މާލޭގައި މި މިއަދަދު ނުލިބޭ ޕަސެންޓަކީ 1.7 ޕަސަންޓު ކަމަށާއި ނަމަވެސް އަތޮޅުތަކުގައި މި ޕަސަންޓު އުޅެނީ 12 ޕަސެންޓުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފަރަގު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ. މި ފަރަގު ނައްތާ ނުލެވިއެއް ރާއްޖެއަށް ތަރައްގީއެއް ނުގެނެވޭނެ. ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ކައިރީގައި އޮތްތަނެއް ނުވަތަ މާލެ ތަރައްގީ ކުރުމެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމަށް ބަލާއިރު މާލެ އާއި ރާއްޖެތެރެއާއި އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށާއި އެގޮތުން ހަމައެކަނި ވަޒީފާގައި އުޅޭ މީހުނަށް ބެލިކަމުގައި ވީ ނަމަވެސް އަދި ލިބޭ އާންމްދަނީއަށް ބެލިކަމުގައި ވިޔަސް އެ ތަފާތު ފެންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ މިނިމަން ވޭޖް ކަނޑައެޅުމުގައި ވެސް ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރި ތަކުގައި މަސައްކަތް ކުރާ މީހުން ތިބިއިރު، މިކަމާމެދު މަޝްވަރާ ކުރެވުމަކީ މިކަން ކުރަން ލިބޭނެ ފަސޭހައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.