Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވެކްސިން ދިނުމަށް ދެކޮޅު މީހުންނަށް އަޅާނެ ފިޔަވަޅު ބަލަނީ

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވީ ވެކްސިން ޖެހުމާ ދެކޮޅު ހަދާ ފަރާތްތަކާ މެދު އެޅޭނެ ގާނޫނީ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖަމްޝީދު ޓުވިޓާގައި ސުވާލު އުފައްދަވާފައި ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ތަސްދީގުކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ތޯއެވެ.

ޖަމްޝީދުގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އޮތްގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ.