Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

ދަރުސް ދެއްވުމަށް މެންކު އައްޑޫއަށް ވަޑައިގެންފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް މުފްތީ މެންކު ދަރުސް ދެއްވުމަށްޓަކައި އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

މެންކު އާއި އެކު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީވެސް ވަނީ މިއަދު އައްޑޫއަށް ވަޑައިގެންފައެވެ.

މެންކުގެ ދަރުސް އޮންނާނީ މިރޭ 8:15ގައި ހިތަދޫ ނޫރާނީ ސްކޫލްގައެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އެކި ރަށްތަކުގައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން މާލޭގައި ރޭ ވަނީ މުފްތީ މެންކްގެ ދަރުހެއް ބާއްވާފައެވެ. އަދި މާދަމާ ރޭ މުފްތީ މެންކްގެ ދަރުހެއް ކުޅުދުއްފުށި ސިޓީގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އަދި ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ މެންކަކީ، ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.