Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ކޯލިޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި: ޖަމީލު

ކޯލިޝަންގެ ވެރިންނާއި ރައީސް ސޯލިހު - ފޮޓޯ: އަވަސް

ކޯލިޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާއި ހެދި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްފައެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންއާ ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅުނުވާ ކަމަށާއި މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަނެއް ނެތް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް ކަމަށާއި ކޯލިަޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

އަދި އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ހިތްހަމަޖެހުމެއް ލިބިގެން މި ނާންނަނީ އަޅުގަނޑަށް ފެންނަ ތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު، މި ޕާޓީގެ މެމްބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު އެމީހުންނަށް ލިބެންޖެހޭ ބައި، ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވީ ކަމަކީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.