Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޙައްޤުވެރިންނަށް އެހީ ކަށަވަރު ކުރުމަށް މޮނީޓަރކުރަން ޖެހޭ: ޝިދާތާ

ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ “ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިޔަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަމަށާއި، އޭގެ ތެރެއިން 1.3 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވަނީ ބޭސްފަރުވާއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.

އަދި އިތުރު 1.3 ބިލިޔަން ރުފިޔާ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކުރެވިފައިވާއިރު، އިޖުތިމާޢީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 1.2 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވާ ކަމަށާއި އަދި މި ކަމުން ވެސް މުޅި މުޖުތަމަޢުގެ ހަމަހަމަކަމާއި ހަމަޖެހުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ހާމަވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމަޢަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެހީ ޙައްޤުވާ ބައެއް ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތު ފުރިހަމައަށް ފޯރާފައިނުވުމުގެ އިތުރުން، ޙައްޤުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެ ނިޒާމު ގަވާއިދުން މުޠާލިޢާކުރުމާއެކު، ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރަން ޖެހޭކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް 2010ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް، އެ އެހީތަކުގެ ސަބަބުން ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު ދެނެގަނެވިފައެއް ނުވެއެވެ.

އެހެންކަމުން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ޑިވަލޮޕްމަންޓް ޕާތުވޭގެ ފަރާތުން ކުރިއަށް ގެންދާ “އިވެލުއޭޝަން” މަސައްކަތުގެ ސަބަބުން، މި އެހީތައް އޭގެ ޙައްޤުވެރިންނަށް ފޯރާ މިންވަރާއި، އެހީތަކުގެ ސަބަބުން އެހީގެ ޙައްޤުވެރިންނަށް ކުރާ ފައިދާތަކާއި، ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ.