Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަވަހަށް ތަރައްގީ ގެނެވޭނީ، ތަރައްގީގެ ފިކުރު ހުރި ބަޔަކަށް: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރު ހުރި ބަޔަކަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ އަވަހަށް ތަރައްގީ ގެނެވޭނީ ހުރިހާ އިންތިހާބެއް އެއްކޮށް ބޭއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށެވެ. އަދި އެ ވިސްނުން ނެތް ބަޔަކަށް މުޅި ދައުލަތާއި، އިންތިހާބުތަކާއި، ފަސް އަހަރުގެ ބަޖެޓު އެއްކޮށް ދިނަސް ހުސްވާނީ ބަޖެޓް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރޭ ހދ. ނޮޅިވަރަންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށްރަށަށް ބޭނުންވާ ބައެއް ކަންތައްތައް ލަސްވެގެން ގޮސްފައި އެބަހުރި ކަމަށާއި އެ ލަސްތައް ކުރިމަތިވާ އެއް ސަބަބަކީ ތިން އިންތިހާބު ވަކިވަކިން އޮތުން ކަމަށެވެ. އަދި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވޭނެ ގޮތް ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައެއް ކަންތައްތައް ލަސްވެގެން ގޮސްފައި ހުރެދާނެ. ބައިވަރު ސަބަބުތައް އޭގައި އެބަހުރި. އެންމެ ބޮޑު ސަބަބަކަށް އަޅުގަނޑަށް ފެންނަނީ މި އިންތިހާބުތައް ވަކިވަކިން އޮތުން. އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިހާބު އެއް ދުވަހެއްގައި އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން. އެހެންނޫންނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބަ އާދޭ" ރައީސް ވިދާޅުވިއެވެ.