Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ލިބެންޖެހޭ: ރައީސް

ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބޮޑު މެޖޯރިޓީއެއް ލިބެންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަގީގަތުގައި ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެ ކަންކަން ތަންފީޒު ކުރުން ކަމަށެވެ.

އެގޮތުން އެކަން ކުރެވޭނީ ސަރުކާރުން ވެފައިވާ ވައުދުތައް ގަބޫލުކުރާ އަދި އެކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމާއި ރަށްތައް ތަރައްގީ ކުރުމަށް ވެފައިވާ ވައުދުތައް ފުއްދޭނީ އެކަން ދަންނަ ބަޔަކަށް ކަމަށާއި އެގޮތުން އެކަން ދަންނަ ބަޔަކީ އެމްޑީޕީ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީ އަށް ކާމިޔާބުވާން. އެހެން ނޫންނަމަ، އެހެން ގޮތަކަށް މިކަން ހިނގައްޖެނަމަ އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމުގައި ހުރަސްތައް ކުރިމަތިވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ތިލަދުންމަތީގެ ތަރައްގީ އަށް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އިގްތިސާދީ ހަބައްގެ ގޮތުގައި ކުޅުދުއްފުށި ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި ސަރަހައްދީ ބޮޑު ބަނދަރެއް އެ ސިޓީގައި ހެދިގެންދާނެ ކަމަށެވެ.

އަދި ކުޅުދުއްފުށީފައި ޓާޝަރީ ފެންވަރަށް އާ ހޮސްޕިޓަލެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހޮސްޕިޓަލުގެ ފައިދާ އެ ރަށުގެ ރައްޔިތުންގެ އިތުރުން ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް އެތަނުން ހިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުޅުދުއްފުށީގެ މަގުތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.