Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ވާދަވެރިން ގައިގައި ހުރި އެންމެ ބޮޑު ހުނަރަކީ ފިތުނަ އުފެއްދުން

ވާދަވެރިން ގައިގައި ހުރި އެންމެ ބޮޑު ހުނަރަކީ ފިތުނަ އުފެއްދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަކީ އެމްޑީޕީގެ ވާދަވެރިން ދަންނަ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުން ރަށު ތެރެއިން އެހެން ކަމެއް ހޯދައިގެން އެކަމުގައި އުޅުއްވަން މާ ރަނގަޅުވާނެ ކަމަށެވެ.

އަދި ޕީޕީއެމް އާއި އެމްޑީޕީގެ ވާދަވެރިން ކުރިއަރާފައިވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ އެމްޑީޕީއާ ދިމާލަށް ލާދީނީއޭ ގޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށާއި އަދި އެ ފަރާތްތަކުގެ ގައިގައި ހުރި އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އާއި ދޮގު ހެދުން އަދި ދެބައޮޑުވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަވަމުން އެގެންދަނީ. އެ ބޭފުޅުންގެ ވާހަކަތަކުން، އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ، މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަ ފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވާދަވެރިންގެ މަސައްކަތަކަށް ފާއިތުވެގެންދިޔަ ދުވަސްތަކުގައި ވެގެން ގޮސްފައިވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.