Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ ވެސް މައްޗަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހު އިމްޕޯޓު ކުރި މުދަލާއި، އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މިދިޔަ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 18 ޕަސެންޓަކީ ޗައިނާ އިން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި މެލޭޝިއާ އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އިމްޕޯޓު ކުރި ވަރު އިތުރުވެފައިވީ ނަމަވެސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 523 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު އުޅެނީ 426 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 32 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ޑިސެމްބަރު ރާއްޖޭގެ އެކްސްޕޯޓު ދަށްވި ނަމަވެސް ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ 2018 ވަނަ އަހަރާ އަޅާބަލާ އިރު 10 ޕަސެންޓް އިތުރުވެފަ އެވެ. 2018 އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 329 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 361 މިލިއަން ރުފިޔާގަ އެވެ.