Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކުޑަ ކުއްޖާ ރޭޕްކުރީ ބައްޕައާއި، ކާފަ އަދި މުނިކާފަ!

ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަކަން ހާމަވެއްޖެއެވެ.

އެނގިފައިވާގޮތުގައި އެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެކެވެ. އަދި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ވަރަށް ގިނައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ބައެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކުޑައަންހެން ކުއްޖާގެ މަންމަ އާއި ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ ދެމީހުންނެވެ. އެކުއްޖާގެ މަންމަ މަސްތުވާތަކެތި ބޭނުންކޮށް އޯވަޑޯޒް ވެގެން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް ވެގެން ވަނީ މިމަހުގެ 13 ވަނަ ދުވަހު މާލެ ގެނެސްފައެވެ. އަދި އެކުއްޖާ ބޮޑުދައިތަ ކައިރީގަ ބެހެއްޓުމަށް ބުނުމުން ކުއްޖާގެ ބައްޕަ އެކަމަށް ދެކޮޅު ހަދައި ބައްޕަ ކައިރީ އެ ކުއްޖާ ބެހެއްޓި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކުއްޖާ ރީތިކޮށް ހަދަނީ އެ ކުއްޖާގެ ބޮޑުދައިތަ އެވެ.

އެކުއްޖާ ފެންވެރުމުގެ ތެރޭގައި ކުއްޖާގެ ކުރިމަތި ފަރާތަށް ތަދުވާތީ އުޅުނު ކަމަށާއި ތަދުވަނީ ކީއްވެތޯ ކުއްޖާގެ ބޮޑުދައިތަ ސުވާލު ކުރުމުން އެ ކުއްޖާއަށް އެކަން ކުރީ ބައްޕަކަމަށް ބުނިކަމަށް މައުލޫމާތު ލިބެއެވެ. އަދި އެހިސާބުން ވަގުތުން ކުއްޖާ ގޮވައިގެން ބޮޑުދައިތަ ހޮސްޕިޓަލަށް ދިޔަ ކަމަށާއި ކުއްޖާ ބެލި ޑޮކްޓަރުން ވެސް ތިބީ ކުއްޖާއަށް ވެފައި އޮތް ވަރު ފެނި ފެންކަޅިވެފައެވެ.

މިކަމާއި ގުޅިގެން ކުއްޖާ މިހާރުވަނީ ޖެންޑާގެ ބެލުމުގެ ދަށުން ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެއަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.