Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕީޕީއެމްގެ ޕްރައިމަރީ ފެބްރުއަރީ 7 ގައި ބާއްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށާއި އަދި ޕްރައިމަރީގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެނަމަ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ މީހުނަށް މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ޕާޓީން ވަނީ ފުރުސަތު ހުޅުވާލާފައިވެ އެވެ. މި ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކެންޑިޑޭޓުންނަށް ލިސްޓު ހަވާލުކުރަން ފަށާފައިވާއިރު، ޝަކުވާތައް ހުށައެޅުމަށް ޕީޕީއެމުން އެ ޕާޓީގެ މެމްބަރުންނަށް ދީފައިވާ ސުންގަނޑި އަކީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ޕީޕީއެމްގެ ޕްރައިމަރީ އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ވަނީ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ.