Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފާތުން އަށް ޔާމީންއާ ބައްދަލުކުރެވެން އޮތީ ކައިވެނީގެ ސެޓްފިކެޓް ދެއްކުމުން

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަށް އެމަނިކުފާނާ ބައްދަލުކުރެވެން އޮތީ ކައިވެނީގެ ސެޓްފިކެޓުގެ އަސްލު ދެއްކުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާގައި ރޭ ވާހަކަދައްކަމުން ސައީދު ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށާއި ނަމަވެސް އެމަނިކުފާނަށް ކުދި އަނިޔާތައް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ކާ އެއްޗެހި ރޯނުފިލުވާ ދިނުމާއި އަދި އަސާސީ އެތައް ހިދުމަތެއް އެމަނިކުފާނަށް ފޯރުކޮށްނުދީ ހިފަހައްޓާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އެންމެ ކުޑަމިނުން އެމަނިކުފާނުގެ އަނބިކަނބަލުން، ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅުވީމަ ވެސް މި ސަރުކާރުން އެބަ ބުނޭ، ކައިވެނީގެ އޮރިޖިނަލް ސެޓްފިކެޓް ދެއްކީމައޭ ޖަލަށް ދެވޭނީ. މީތޯ 50 އަހަރާއި ނުބައްދަލު ތަރައްގީ މި ގައުމަށް ގެނައި ރައީސަކަށް ކަންކުރަން ޖެހޭނެ ގޮތަކީ" ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވިއިރު ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނާ ބައްދަލުކުރައްވަން ލައިލާ އަލީ އެދިވަޑައިގަތުމުން ވެސް ކައިވެެނީގެ ސެޓްފިކެޓް ދައްކަން އެދުނު ކަމަށް އެމްޑީޕީން އެ ދުވަސްވަރު ބުނެފައިވެއެވެ. ނަމަވެސް އެ ވާހަކަތައް ފުލުހުން އޭރު ވަނީ ދޮގުކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.