Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވެލާނާ އެއާޕޯޓުގައިވެސް ކޮރޯނާއަށް ސްކްރީން ކުރަނީ

ވެލާނާ އެއާޕޯޓް-

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނާތީ ރާއްޖެ އަންނަ ފަތުރުވެރިން އެ ވައިރަހަށް ސްކްރީން ކުރުމުގެ އިންތިޒާމް ޓޫރިޒަމް މިނިސްޓްރީން ވެލާނާ އިންޓަނޭޝަލް އެއާޕޯޓޫ (ވީއައިއޭ)ގައި ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާތަނަށް ރާއްޖެ އައިސްފައިވާ އެއްވެސް ފަތުރުވެރިއަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. ޓޫރިޒަމްއިން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮރޯނާއަށް ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކުރި މީހަކަށްވެސް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުތަކުން ބުނަމުންނެވެ. ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 440 އަށް އަރާ، މި ރޯގާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 9 އަށް އަރާފައިވާ ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދުވަނީ ބުނެފައެވެ.