Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ކ. އަތޮޅުގެ ތިން ރަށަކުން ބްރައުން ވިޑޯ މަކުނު ފެނިއްޖެ

ބްރައުން ވިޑޯ- ފޮޓޯ: ޕޮލިސް

ބްރައުން ވިޑޯ މަކުނު ކ. މާފުށިން ފެނިފައިވާއިރު، އެ އަތޮޅު ހުރާ އަދި ތުލުސްދޫއިންވެސް މިމަކުނުތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގް މީޑިއާ އޮފިޝަލް މައުލޫމަތުދޭ ގޮތުގައި، ކަ. މާފުށިން ފެނުނު މަކުނު ތަކެއްގެ ސާމްޕަލް ހެލްތް މިނިސްޓްރީއަށް ފޮނުވުމުން، އެ މަކުނުތަކަކީ ބްރައުން ވިޑޯތަކެއް ކަމަށް ހެލްތް މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މިބާވަތުގެ އިތުރު މަކުނުތަކެއް ކ. އަތޮޅު ހުރާ އަދި ތުލުސްދޫއިންވެސް ފެނިފައިވާކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މި ރަށްތަކުގެ ކައުންސިލާއި ފުލުހުން އަދި ކަމާއި ގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މި މަކުނުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ މިކަމާއި ގުޅިގެން ހެލްތް ވެކްޓާ ޔުނިޓުން އަންގާފައިވަނީ މިބާވަތުގެ މަކުނެއް ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ ހަންހުރަހެއް މެދުވެރިކޮށް، ނެގުމަށްފަހު އަންދާލުމަށް ކަމަށެވެ. 

މި ދުވަސްކޮޅަކީ ކ. އަތޮޅުގެ ބައެއް ރަށްތަކުން ނުރައްކާތެރި ބްރައުން ވިޑޯ މަކުނު ފެންނަމުންދާ ދުވަސްކޮޅަކަށް ވާތީ ރައްޔިތުން އެކަމަށް ސަމާލުވެ ތިބުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭތެރޭގައި އުޅޭއިރާއި، ޖޯލިފަތި ފަދަ ތަންތަނުގައި އިޝީންނައިރު، މަކުނު ހާލި ހަދާފަ ހުރިތޯ ރަނގަޅަށް ބަލާ ޗެކް ކުރުމަށްފަހު މެނުވީ ނީޝީންނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.