Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމަށް އިތުރު ކެމެރާތަކެއް ބަހައްޓަނީ

ރާއްޖެ އެތެރެވާ މީހުން ކޮރޮނޯ ވައިރަސް އަށް ސްކްރީން ކުރުމަށް އިތުރު ކެމެރާތެއް އެއާޕޯޓުތަކުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާތައް މެދުވެރިކޮށް މި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި މިއަދު އެ މަސައްކަތް ފެށީ އެއް ކެމެރާއާއެކުގައި ކަމަށެވެ.

"ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހަ ކެެމެރާ އެއީ އެންމެ ގިނަވެގެން އަޅުގަނޑުމެންނަށް ބޭނުންވާނެ ވަރު. ހަ ކެމެރާއިން މޮނިޓާކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއާޕޯޓުން ހަމައެއާއެކީގައި އައްޑޫގައި އަދި ރާއްޖޭގެ އެންޓްރީ ހުރިހާ ޕޮއިންޓްއެއްގައި މޮނިޓާކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް އަޅުގަނޑުމެން ހަމަޖައްސަނީ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އިން ފެނިއްޖެނަމަ އެމީހަކު އެކަހެރިކޮށް ދެން ކަންތައް ކުރާނެ ގޮތުގެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ބައްޔަށް ވާންޖެހޭ ތައްޔާރީތައް ހޮސްޕިޓަލުތަކާއެކީގައި ވެސް ވެފައިވާ ކަމަށާއި އަދި ޓެސްޓު ކުރުމުގެ ކަންކަން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ކްރޯނާ ވައިރަސް އަށް ތައްޔާރުވުމަށްޓަކައި މިއަދާ ހަމަޔަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ރާއްޖެއިން މި ވައިރަސް ފެނިއްޖެ ކަމަށް ވާނަމަ ދެން އަމަލުކުރާނެ ގޮތްތަކާއިމެދު ޑަބްލިއު.އެޗް.އޯ އަދި އެޗް.ޕީ.އޭ. އާއި މަޝްވަރާކުރެވި އެކަން ކަން ވެސް އިންތިޒާމު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެންނަން ފެށި މި ވައިރަސް މިހާތަނަށް ވަނީ 400 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާއިރު މި ބަލި އަންނަނީ އެކި ގައުމުތަކުގައި ފެތުރެމުންނެވެ.