Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަންހެނުން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އަންހެނުން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އިންސާނުންގެ ރައްކާތެރިކަމަށް ބާރު އަޅާ ދީނެއް ކަމަށެވެ. އަދި އަންހެނުން ހިތާނު ކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދިފައިވާތީ އެކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހަޅައިފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުއްވި މެމޯއެއްގައި ވަނީ އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެހެންކަމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކޮށް އެކަން މިނިސްޓްރީ އަށް އެންގުމަށް މިނިސްޓަރު އަމީން ވަނީ އެދިފައެވެ.

އަންހެނުން ހިތާނަ ކުރުމަކީ މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެފަދަ ކަންކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އެކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރިދާނެތީއެވެ.