Last Updated: May 8, 09:08
Wednesday, May 8, 2024
ޚަބަރު

ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި ދިވެއްސަކު ނިޔާވެއްޖެ

ނޮކް މޯލްޑިވްސް އައިލޭންޑް ރިސޯޓު

ނޮކް މޯލްޑިވްސް އައިލޭންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދަނިކޮށް ބަންޑުން ޖަހާލި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކު ނިޔާވެެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ ގިނައިން ލޮނު ބޮވުމުގެ ސަބަބުން ހޭނާރާ އޮތުމުން އިތުރު ފަރުވާ އަށް ނ.މަނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށެވެ. އޭނާ ނިޔާވީ މިރޭ 19:50 ހާއިރުއެވެ.

ފުލުހުން ބުނީ އެ ލޯންޗު އެ ރިސޯޓުގެ ނެރު މައްޗަށް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 17:48 ހާއިރު ލިބިފައިވާ ކަމަށެވެ.

ނިޔާވި ފިރިހެން މީހާގެ އިތުރުން ދެން މި ލޯންޗުން ދަތުރުކުރީ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިންނެވެ. އެ މީހުން ސަލާމަތްކޮށްފައިވަނީ ރިސޯޓުގެ ފަރާތުން ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.