Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ހުކުމް އަވަސްކުރަން އެއްބަސްވެއްޖެ

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަވަސްކަމާ އެކު ހުކުމް ކުރެވިގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކޯޓުން އެއްބަސްވެއްޖެއެވެ.

ޖޭއެސްސީން މިއަދު ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާއި ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ކޯޓްތަކުގެ އިސް ފަނޑިޔާރުންނާއި، އިދާރީ އިސްވެރިންނާއި، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެހައި މައްސަލަތަކަކީ ހައްސާސް މައްސަލަތަކެއް ކަމަށްވާތީ އެފަދަ އެއްވެސް މައްސަލައެއް ކޯޓުތަކަށް ހުށަހެޅިއްޖެނަމަ އަވަސްކަމާއި ހަލުވިކަމާއެކު ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުރިހާ ފަނޑިޔާރުންވެސް ފާހަގަކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ކޯޓުތަކަށް ހުށަހެޅޭ އަވަސްކަމާއެކު ނިންމުމުގައި ކުރަމަތިވަމުންދާ ދަތިތައް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ކޯޓްތަކުގެ ޖާގައިގެ ދަތިކަން ހުރުމާއި، މުވައްޒިފުންގެ ދަތިކަން ހުރުމުގެ އިތުރުން މެޖިސްޓްރޭޓް ކޯޓްތަކުގައި ގާއިމްވެ ތިބޭ މެޖިސްޓްރޭޓުން ނެތުމާއި، ދިފާއީ ވަކީލުންނަށް ކޯޓަށް ހާޒިރުވުމުގައި ހުރި ދަތިތައް އަދި ތުހުމަތު ކުރެވޭ ފަރާތާއި، ހެކިން ކޯޓަށް ހާޒިރުކުރުމުގައި ހުރި ދަތިތައް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ކަންކަން އެގޮތަށް ހުރި ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ހައްސާސް ބޮޑު މައްސަލަތަކަކަށްވާތީ އެފަދަ މައްސަލަތަކުގައި އަވަސްކަމާއެކު ހުކުމެއްކޮށް ގޮތެއް ނުނިންމޭނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެކަން ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށްވެސް ޖޭއެސްސީން ހާމަކުރެއެވެ.

އެހެންކަމުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެއް ކޯޓަކަށް ހުށައެޅިއްޖެނަމަ، ގާނޫނީ އިޖްރާތުގެ ތެރެއިން ލިބެންޖެހޭ އެންމެހާ ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާއެކު، ބްލޮކް ޓްރައިލްސް ނިޒާމުގެ ތެރެއިން މެދުނުކެނޑި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖްކޮށް، މައްސަލަތައް އަވަސް ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އަވަސް ކަމާއި ހަލުވިކަމާއެކު ހުކުމް ކުރެވިގެންދާނެ ގޮތަށް ކޯޓްތަކުން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ހަމަޖައްސައި އެގޮތުގެ މަތިން ޝަރުއީ ކޯޓްތަކުން އަމަލު ކުރަމުން ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.