Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މާލޭގައި 14 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

މާލޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ބްލެކްމެއިލް ކުރުމުގެ އިތުރުން ރޭޕް ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 18:30 ހާއިރު ކަމަށެވެ.

14 އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ހާދިސާއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މީގެއިތުރުން ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 76 އަހަރުގެ ދިވެހި ފިރިހެނެއް ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.