Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރައީސް ސޯލިހާއި އަޅުގަނޑާއި ވާދަކުރެވޭނެ ސިޔާސީ ވެރިއެއް ނެތް: ނަޝީދު

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ވާދަކުރެވޭނެ އެއްވެސް ސިޔާސީ ވެރިއެއް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ.ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ދަތުރަށް ރައީސް ސޯލިހާއެކު އަރާ ހުންނެވި ކަމަށާއި ދަތުރަށް އަރާ ތިއްބެވީ މޮޅުވުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެންނާ އިރާދަކުރެއްވިއްޔާ ވާދަކުރެވޭނެ ހަމަ އެއްވެސް ސިޔާސީ ޕާޓީއެއް ވެސް، ސިޔާސީ ވެރިއެއްވެސް މި ދިވެހިރާއްޖޭއަކު ނުހުންނާނެ. ފެނިވަޑައިގަންނަވަންޏާ އެމީހަކު ހޯއްދަވައިގެން ގެންނަވަންވީ އަޅުގަނޑުމެން ކައިރިއަށް. ބަލިކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލިކޮށްލާނަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރައްޔިތުންދޭ ކޮންމެ ވޯޓަކީ އެޅޭ މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންގެ ވެރިންނަށް ވުމަށް އެދޭ ބާރާއި ޒިންމާ ބޭނުންކުރަނީ ވިސްނުންތެރިކަމާއި ބުއްދިވެރި ކަމާއެކު ކަމަށާއި ބާރުތައް އެއްކޮށްގެން ސިޔާސީ ހަޔާތެއް ރޭއްވެވުމަށް ރައީސް ސޯލިހު ނުވިސްނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން ސިޔާސީ ހަޔާތެއް އަބަދުވެސް ރާވަމުން ގެންދާނީ ރައްޔިތުންގެ ތަރައްގީއަށްޓަކާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވެފައެވެ.