Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އާދަމް އާޒިމް: ހިންގުންތެރި، ހީވާގި، ހިތްހެޔޮ ނަމޫނާއެއް!

އާދަމް އާޒިމް، ފޮޓޯ: އަވަސް

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ހިދްމަތްތަކާއި ގުޅޭ ޝަކުވާތައް އޮތީ ފުނިޖެހިފައެވެ. ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހިދްމަތް ނުދެވޭކަމުގެ ޝަކުވާ އިންތިހާއަށް ބޮޑެވެ. މުޅި ކުންފުނީގައި އޮތީ ހުސް މައްސަލައެވެ. މާލޭގެ އެކި ސަރަހައްދުތަކުން ނަޖިސް ބޭރުވެ މުޅި މާލެ އޮތީ ތަޢައްޔަރުވެފައެވެ. އެންމެންގެ ނުރުހުން އަމާޒުވެފައި އޮތީ ފެނާއި ނަރުދަމާގެ ހިދްމަތް ދެމުން އަންނަ ކުންފުނި އެމްޑަބްލިއުއެސްސީއަށެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަަމަށް ވަޑައިގެން، އެމްޑަބަލިއުއެސްސީގެ ހުންގާނު އާދަމް އާޒިމް އާއި ހަވާލު ކުރުމާއި އެކު އެންމެ ބޮޑު އިސްކަމެއް ދިނީ ކުންފުނީގައި ހުރި މައްސަލަތައް ހައްލު ކުރުމަށެވެ. ރައްޔިތުން ކުރަމުން ދިޔަ ޝަކުވާތައް އަޑު އަހައި ހައްލު ހޯދައި ދިނުމަށެވެ. ކުންފުންޏަށް ކަސްޓަމަރުންގެ ފަރާތުން އަމާޒުވި ނުރުހުން ލޯތްބަށް ބަދަލު ކުރުމެވެ.

މި ބިޔަ ބުރަ މަސައްކަތާއި އާދަމް ކުރިމަތިލީ، ހިތްހެޔޮ ކަމާއި މުރާލިކަމާއިއެކުއެވެ. ކުންފުނީގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ސާފުކޮށް، ކަސްޓަމަރުންގެ ޝަކުވާ އަޑުއެހިއެވެ. އަދި އެކަމަށް ހަރުދަނާ ފިޔަވަޅު އެޅުއްވިއެވެ. އެންމެ ފުރަތަމަ ވެސް ފެއްޓީ ކަސްޓަމަރުންނާއި ތަނާއި ދެމެދު ގުޅުން ގާއިމްކޮށް ވަރުގަދަ ކުރުމަށެވެ. ކުންފުނީގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދީ މުވައްޒަފުންގެ ތެރޭގައި ގުޅުން ގާއިމްކުރުމަށެވެ. ނަތީޖާއަކަށްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ކުންފުނީގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް ހައްލު ލިބި ކަސްޓަމަރުންގެ އިތުބާރު ކުންފުންޏަށް ލިބެން ފެށުމެވެ.

އެގޮތުން ކުރެއްވި މަސައްކަތުގެ ތެރޭގައި ކަސްޓަމަރުންނަށް 24 ގުޅާލެވޭނެ ކޯލް ސެންޓަރެއްގެ ހިދްމަތް ގާއިމްކޮށް، ރައްޔިތުންނަށް ފަސޭހަކަމާއި އެކު ގުޅާލެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. އަދި ގޭގައި ތިބެގެން އެމްޑަބްލިއުއެސްސީގެ ހިދްމަތަށް އެދެވޭނެ ވެބް ޕޯޓަލްގެ ހިދްމަތް ތައާރަފްކުރެވިގެން ދިޔައެވެ. މިއާއިއެކު ކަރުދާސް ނޫން ގޮތެއް ދިވެހިންނަށް ހޯއްދަވައި ދެއްވައި، އާންމުން ހޭލުންތެރި ކުރުމަށް ބޮޑު ކެމްޕެއިންނެއް ފެއްޓެވިއެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުން ނަޖިސް ބޭރުވުން ހުއްޓުވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވިއެވެ. އަދި އެތައް ޒަމާންތަކެއް ވަންދެން ފެން ބިލް ނުދެއްކި ދަރަނިވެރިވެފައިވާ މީހުންގެ ދަރިން ސަލާމަތްކޮށްދިނުމަށް ލުއި ތަކެއް ހޯއްދަވައި ދެއްވިއެވެ. އެގޮތުން ބަހާލައިގެން ފެން ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިއެވެ.

އާދަމް އާޒިމް އާއި އެކު އެމްޑަބްލިއުއެސްސީގެ އުސް އަލިތައް:

  • 24 ގަޑިއިރުގެ ޚިދުމަތްލިބޭ ކޯލްސެންޓަރެއް ގާއިމްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމަމާއެކު ކޮންމެ ވަގުތަކު ގުޅޭނެ މަގު ފަހިކޮށްދެއްވުން.
  • ގޭގައި ހުރެގެން އެމްޑަބްލިއެސްސީގެ ހިދުމަތްތަކަށް އެދިލެއްވުމުގެ ފުރުސަތު ފަހިކޮށްދީ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްދެއްވައި، ކަރުދާސް ނޫން ގޮތެއް ދިވެހިންނަށް ހޯއްދަވައި ދެއްވައި، އާންމުން ހޭލުންތެރި ކުރުމަށް ފުޅާ ކެމްޕޭނުތައް ކުރައްވަން ފެއްޓެވުން.
  • މާލޭގެ އެކި ހިސާބުތަކުން ނަޖިސް އެރުން ކާމިޔާބު ކަމާއެކު ކޮންޓްރޯލް ކޮށް ހައްލު ހޯއްދަވައި ދެއްވުން.
  • މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނުއްސުރެ ދަތިވެފައިވާ، ފާޚާނާ ކުރުމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް، ފަތުރުވެރިންނަށް ފާޚާނާ ކުރެވޭނެ އިންތިޒާމާއެކު މަސްވެރިންގެ ޕާކުގައި ޓޫރިސްޓް ޓާމިނަލެއް ގާއިމްކޮށް، މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްދެއްވުން.
  • ފެން ބިލުތައް ނުދެއްކި ދަރަނިވެރިވެފައިވާ ފަރާތްތަކަށް ދަރަނިއަދާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވުން.
  • ފަންނީ އަދި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއް ގާއިމު ކުރުން.
  • ދުވާލަކު 3000 ޓަނު ފެން އުފަށްދާ އައު އާރުއޯ ޕްލާންޓެއް ހުޅުމާލެ އޮޕަރޭސަންސް ސެންޓަރިގައި ގާއިމު ކުރުން.
  • ހުޅުމާލޭ ފޭސް 2 ގެ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން.
  • އދ. ހަންޏާމީދޫގެ ފެނުގެ ޚިދުމަތް ޑިޒައިން ކުރުމައި، އެޚިދުމަތް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީއާއި އެކު ސޮއިކުރުން.
  • ބ. ގޮއިދޫ، ނ. ކުޑަފަރި، ނ. މާޅެންދޫ އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ހަވާލުވުން.
  • ހުސްވި އަހަރު ރ. ދުވާގަރިގައި ޤާއިމްކޮށްފައިވާ ކުންފުނީގެ ޚިދުމަތް ހަރުދަނާ ކުރުމަށް 800 ކިލޯ ވޯޓުގެ ޖެންސެޓެއް އެރަށަށް ފޮނުއްވުން.
  • ގޯލްޑް 100 ގާލާ 2019 ގެ ރާއްޖެގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ކުންފުނި ހިމެނުން

މި ކާމިޔާބީތަކާއި އެކު ޝަކުވާއިން ފުރިފައި އޮތް ކުންފުނު ބަދަލުވެގެން ދިޔައީ ރައްޔިތުންގެ "އެެކުވެރި" ކުންފުންޏަށެވެ. އެކުވެރި އާޒިމާއި އެކު ކުންފުނިން ބޮޑު ކާމިޔާބީއެއް ހޯދިއިރު އާދަމްގެ ހުރިހާވެސް ޝުކުރެއް އޮތީ ކުންފުނީގެ މުވައްޒަފުންނަށެވެ. އެ މުވައްޒަފުންގެ މަސައްކަތާއި އެކު ކުންފުނި މިވަނީ ރައްޔިތުންގެ އިތުބާރު ލިބިފައެވެ. ކުންފުނި ވަނީ ރައްޔިތުންގެ ތެރެއަށް ނިކުމެ ރައްޔިތުންނާއި އެކު ބަދަހިކަން ގާއިމްކޮށްފައެވެ. ގައުމީ ކޮންމެ ކަމެއްގައި ކުންފުނީގެ މުވައްޒަފުންނާއި އެކު އާޒިމް ހުރީ އިސް ސަފުގައެވެ.

މި ކާމިޔާބީ ތަކާއި އެކު އަހަރެއް ނިމުނު އިރު ސަރުކާރުން މިވަނީ އާޒިމް އެމްޑަބްލިއުއެސްސީން އެމްޓީސީސީއަށް ބަދަލުކޮށްފައެވެ. މިއީ ކަސްޓަމަރުންނާއި މުވައްޒަފުންނަށް އަދި އާޒިމްގެ އަމިއްލަ ނަފްސަށްވެސް ހިތާމައެކެވެ. ނަމަވެސް އާޒިމް ވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުން ކޮށްދެއްވި ބުރަމަސައްކަތާއި ދެއްވި އިތުބާރާއި ގާތްކަަމަށް ޝުކުރު ދަންނަވާފައެވެ.

ދެން އޮތީ އާޒިމްގެ ހިންގުންތެރިކަމާއި، ހީވާގި، ހިތްހެޔޮކަމާއި އެކު އެމްޓީސީސީން ރައްޔިތުންނަށް މި ލާމަސީލު ހިދްމަތް ލިބިގެން ދިއުމެވެ. ރައްޔިތުންނަށް އޮތް އިތުބާރަކީ ދެންވެސް އިތުރު ކުރިއެރުންތަކެއް އެމްޓީސީސީން ފެނިގެންދާނެ ކަމުގެ އިތުބާރެވެ.