Last Updated: April 26, 10:52
Friday, April 26, 2024
ދީން

ކުޑަކުދިންނަށް ރަހުމުނުކުރާ މީހުންނަކީ އަނިޔާވެރި ބައެއް: ހުތުބާ

އިސްލާމީ މަރުކަޒު - ފޮޓޯ: ގޫގުލް

ކުޑަކުދިންނަށް ރަހުމުނުކުރާ މީހުންނަކީ އަނިޔާވެރި ބައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކުޑަކުދީންނަށް ޖިސްމާނީ އަނިޔާ ދިނުމާއި އަދި ޖިންސީ ގޯނާ ކުރުމުގެ ނުބައިކަމުގެ މައްޗަށެވެ.

އެގޮތުން ހުތުބާގައި ބުނީ ބޮޑެތި މީހުންގެ ކިބައިން ކުޑަކުދީންގެ ނަފްސުތައް އެދި ގޮވަނީ އަޅައިލުމަށާއި ރަހުމުކުރުމަށް ކަމަށެވެ. އަދި އެ ކުދީންގެ ޖިސްމާއި ނަފްސުގެ ތަބައީ ސިފަތައް ބިނާވެގެންވަނީ، ކުލުނާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށާއި މި ކައުނުގައި ލައްވާފައިވާ ދިރޭ ކޮންމެ މަހުލޫގަކަށް އެންމެ ބޭނުންވާ ކަމަކީ އަޅައިލުމާއި އޯގާތެރިކަން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ޖަނަވާރުން ވެސް އެސޮރުމެންގެ ދަރީންނަށް ރައްކާތެރިކަން ބޭނުންވާކަން ދަނައެވެ. އަޅާލައެވެ. ރަހުމާއި ކުލުނު ހިއްސާކުރެއެވެ. ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ، އެބައެއްގެ ހިތްތަކުން ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބަޔެކެވެ. އިންސާނުންގެ ސިފައިގައި ތިބި ނުބައި މަހްލޫގުންތަކެކެވެ" ހުތުބާގައި ބުނެފައިވެއެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި، ޖިސްމާނީ އަނިޔާތައް ދިނުމަށް ޖެހިލުންނުވާ އިންސާނުން މި މުޖުތަމައުގައި އުޅޭކަމީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މި ކާރިސާ ދިވެހި މުޖުތަމައުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކޮންމެ މީހަކަށް ވެސް އަދާކުރެވިދާނެ ދައުރެއް އެބައޮތް ކަމަށާއި އެއީ ހެޔޮލަފާ މުސްލިމަކަށް ވުމާއެކު، މަރުވުމަށްފަހު ކުޅަ އަމަލުތަކާއި ކޮށްފައިވާ ކުށްތަކާއި ފާފަތަކުގެ ހިސާބުތައް ބެލެވޭނެ ކަމާމެދު ޣާފިލުނުވުންކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ކުޑަކުދީންނާ އެންމެ ގާތްކޮށް އުޅޭ މީހުންގެ ފުށުން އެ ކުދިންނަށް ކުރިމަތިވާ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުން ދިޔުމަކީ، މުޅި އިންސާނިއްޔަތު ވެސް ލަދުވެތިވާވަރުގެ ޖަރީމާއެކެވެ. ބޮޑުވެގެންވާ މުސީބަތެކެވެ. އެއްވެސް އާރެއް ބާރެއް އަދި އަމިއްލަ ނަފްސު ދިފާއުކުރާނެ ފަންނެއް ހުނަރެއް ނެތް ކުޑަކުދިންނާ ދިމާކޮށް، ރަހުމުކުޑަ މީހުންކަމުގައި، އެ ކުދީންގެ ބެލެނިވެރިންނާއި ގާތް މީހުން ވެގެންދިޔުމަކީ، ބޮޑުވެގެންވާ މުސީބާތެއް ފާވެގެން ހިނގައިދާނެ ކަމުގެ އިންޒާރެކެވެ" ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ދުނިޔެއަށް އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީ ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ދެވޭ ދުވަހެއްގެ ގޮތުގައި އިންސާނީ ތާރީހު ލިޔެވިގެންދިޔުމަކީ، މި ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ނިތްކުރީގައި ޖެހިގެންދާ ލަދުވެތިކަމުގެ ލައްގަނޑެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަނިޔާވެރިކަމާއި ލާއިންސާނީ މިފަދަ އަމަލުތަކުން އުފެދޭ އުދަބާނީތައް ބިޔަވެ ފެތުރި ފުޅާވަމުން ނުދަނީސް، ހުއްޓުވުމަށް ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.