Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އިންސާނީވަންތަކަން ހުރި މީހަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ނުކުރާނެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

އިންސާނީވަންތަކަން ހުރި މީހަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ހުކުރު ހުތުބާ އަކީ ވަގުތާއި ހާލަތާއި ވަރަށް ގުޅޭ ހުތުބާއެއް ކަމަށާއި އިންސާނީވަންތަކަމުގެ ކަންފުޅެއް ހުރި މީހަކުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި އަނިޔާ ނުކުރާނެ ކަމަށެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކުޑަކުދީންނަށް ޖިސްމާނީ އަނިޔާ ދިނުމާއި އަދި ޖިންސީ ގޯނާ ކުރުމުގެ ނުބައިކަމުގެ މައްޗަށެވެ.

އެގޮތުން ހުތުބާގައި ބުނީ ބޮޑެތި މީހުންގެ ކިބައިން ކުޑަކުދީންގެ ނަފްސުތައް އެދި ގޮވަނީ އަޅައިލުމަށާއި ރަހުމުކުރުމަށް ކަމަށެވެ. އަދި އެ ކުދީންގެ ޖިސްމާއި ނަފްސުގެ ތަބައީ ސިފަތައް ބިނާވެގެންވަނީ، ކުލުނާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށާއި މި ކައުނުގައި ލައްވާފައިވާ ދިރޭ ކޮންމެ މަހުލޫގަކަށް އެންމެ ބޭނުންވާ ކަމަކީ އަޅައިލުމާއި އޯގާތެރިކަން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ޖަނަވާރުން ވެސް އެސޮރުމެންގެ ދަރީންނަށް ރައްކާތެރިކަން ބޭނުންވާކަން ދަނައެވެ. އަޅާލައެވެ. ރަހުމާއި ކުލުނު ހިއްސާކުރެއެވެ. ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ، އެބައެއްގެ ހިތްތަކުން ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބަޔެކެވެ. އިންސާނުންގެ ސިފައިގައި ތިބި ނުބައި މަހްލޫގުންތަކެކެވެ" ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ދުނިޔެއަށް އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީ ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ދެވޭ ދުވަހެއްގެ ގޮތުގައި އިންސާނީ ތާރީހު ލިޔެވިގެންދިޔުމަކީ، މި ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ނިތްކުރީގައި ޖެހިގެންދާ ލަދުވެތިކަމުގެ ލައްގަނޑެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަނިޔާވެރިކަމާއި ލާއިންސާނީ މިފަދަ އަމަލުތަކުން އުފެދޭ އުދަބާނީތައް ބިޔަވެ ފެތުރި ފުޅާވަމުން ނުދަނީސް، ހުއްޓުވުމަށް ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.