Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 26 އަށް

ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން މިއަދު ބުނިގޮތުގައި މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 830 އަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް 26 މީހަކު މަރުވެފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތައް ކަމަށްވާ ބެއިޖިން، ޝަންހާއީ، މަކާއޯ އަދި ހޮންގް ކޮންގް އިން ވެސް ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ. އަދި ޗައިނާގެ ބައެއް ސިޓީތަކަށް ދަތުރުކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އިން ވެސް ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަހުގެ ސަބަބުން ރާއްޖެ އިން ވެސް މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.