Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

ދުނިޔޭގެ ހަވަނައަށް އެންމެ މީރީ ދިވެހި މަސް ރިހަ

ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިހާރު މަގުބޫލުވެފައިވާ ރިހަތަކުގެ ތެރެއިން، ދިވެހި މަސް ރިހައަށް ޚާއްސަ ލަގަބެއް ލިބިއްޖެއެވެ.

"ސީއެންއެން" އިން ޝާއިއުކުރި ދުނިޔޭގެ އެންމެ މަގުބޫލު ރިހަ ލިސްޓުގެ ހަވަނަ ޖާގަ ޚާއްސަ ވެފައިވަނީ ދިވެހި މަސް ރިހައަށެވެ. މިއީ ޔޫކޭގެ މަޝްހޫރު ޓިއްކާ މަސާލާ، ތައިލޭންޑުގެ ގްރީން ކަރީ އަދި ޕާކިސްތާނުގެ ހަލީމް ރިހަ އަށް ވުރެވެސް މަތީ ދަރަޖައެކެވެ.

ލިސްޓުގެ އެއްވަނަ ހޯދީ ދިވެހިންގެ ތެރޭގައި ވެސް ނުހަނު މަޝްހޫރު ވެފައިވާ އިންޑިޔާގެ ބަޓާ ޗިކަންއެވެ. ދެވަނަ އަށް އެންމެ މަގްބޫލު ރިހައަކަށް ވީ ޖެމެއިކާގެ 'ކަރީ ގޯޓް' އެވެ. ދިވެހި ސުފުރާމަތި ޒަމާނުއްސުރެ މަގުބޫލުކުރަމުން އަންނަ މަސް ރިހައަށް ލިބިފައިވަނީ ހަވަނަ މަގާމެވެ.

ދިވެހިންގެ މަސް ރިހައިގެ ކުރީގައި ދެން ތިބީ، ޖަޕާންގެ ކަރީ ރައިސް، ކޮރެއާގެ ކަރީ ޓެކެބޮއްކީ އަދި މެލޭޝިޔާ އާއި އިންޑޮނީޝިއާގެ މަޝްހޫރު ބީފް ރެންޑަންގ އެވެ.

މި ލިސްޓުން ޖާގަ ހޯދި އިތުރު ރިހަތަކަށް ބަލާއިރު 8 ވަނައިގައި، ދެކުނު އެފްރިކާގެ ބަނީ ޗޯވ، 9 ވަނަ ލަންކާގެ ސިންހަލީސް ކަރީ، 10 ވަނަ ތައިލެންޑުގެ ގްރީން ކަރީ، 11 ވަނަ ކެރީބިއަންގެ ކަރީ ކްރެބް އަދި 12 ވަނައިގައި ޔޫކޭގެ ޓިއްކާ މަސާލާ ހިމެނެއެވެ.

ދުނިޔޭގެ ބޮޑެތި ރެސްޓޯރެންޓުތަކުގައި ދިވެހި މެނޫއެއް ހަދާލުމަށް ނުވަތަ ދިވެހި ރެސްޓޯރެންޓެއް ދިވެހި ރަހަތަކާއެކު ބޭރު ގައުމެއްގައި ހުޅުވާލުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެއެވެ.