Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ކޮރޯނާ ވައިރަސްއަށް ރާއްޖެ އެއްވެސް ވަރަކަށް "ސީރިއަސް"އެއް ނޫން!

މިއީ 2002އިން 2003އަށް ފެތުރުނު ސާސް ރޯގާއެއް ނޫނެވެ. މިއީ އެއަށްވުރެވެސް ނުރައްކާތެރި އަދި އެހާމެ އަވަހަށް ފެތުރެމުން އަންނަ ރޯގާއެކެވެ. އިއްތިފާގަކީ "ނޮވެލް ކޮރޯނާ ވައިރަސް" ނަމުން ނަން ދެވިފައިވާ މި ރޯގާވެސް ފެތުރެމުން ދަނީ ޗައިނާގައި ކަމެވެ. ކޮންމެއަކަސް މުޅި ދުނިޔޭގައިވެސް އޮތް އެންމެ އާބާދީ ބޮޑު ގައުމުގެ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނަކީ ކޮންމެ ދުވަހަކުމެ އެތައް ގައުމަކަށް ޒިޔާރަތްކުރާ މީހުންނެވެ. އެކަމުގެ ސަބަބުން މިއަދު މުޅި ދުނިޔެ އޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. މިއަދު މިބަލި ނުފެތުރޭ އެއްވެސް ގައުމެއް ނުވަތަ ބައްރެއް ނެތެވެ.

މި ކުޑަ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީވެސް ފަތުރުވެރިކަމުންނެވެ. މި ސިނާއަތަށް އެންމެ ގިނައިން މީހުން އަންނަމުން ދަނީ، ޗައިނާއިންނެވެ. ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލިސްޓުގައި އެންމެ ކުރީގައި އޮތް ގައުމެވެ. ޗައިނާއިން އަންނަ ފަތުރުވެރިންގެ ތެރޭގައި "ނޮވެލް ކޮރޯނާ ވައިރަސް" އެންމެ ހަލުވިކޮށް ފެތުރޭ ސިޓީތަކުން އަންނަ ފަތުރުވެރިން ހިމެނެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދަނީވެސް އެ ސިޓީތަކުންނެވެ.

ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އާއި އެކު މުޅި ދުނިޔެ މިވަނީ ކަންބޮޑުވެފައެވެ. ބަލި ފެތުރޭ ޗައިނާގެ ވޫހާން ސިޓީ މި ވަނީ ކަރަންޓީނުކޮށްފައެވެ. ޗައިނާއިން އެހެން ގައުމުތަކަށް ދަތުރު ކުރާ ފަރާތްތައް އަންނަނީ ސީރިއަސް ކަމާއި އެކު ސްކްރީން ކުރަމުންނެވެ. ބައެއް ގައުމުތަކުން ޗައިނާ މީހުން އެތެރެވުން މަނާކޮށްފިއެވެ.

މިނުރައްކާތެރި ވައިރަހާއި ގުޅިގެން ރާއްޖެއިންވެސް ފިޔަވަޅުތަކެއް އެޅިއެވެ. ސަރުކާރުން ބުނީ އެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުމަށް ކެމެރާ ހަރުކުރުމެވެ. ނަމަވެސް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި އެއާޕޯޓުގައިވެސް ހަރުކޮށްފައި ވަނީ މީގެ އެންމެ ކެމެރާއެކެވެ.

ނަން ހާމަކުރަން ބޭނުންވާ ރާއްޖޭގެ މަޝްހޫރު ޑޮކްޓަރަކު ވިދާޅުވީ މިއަދު ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުނަސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރާއްޖެއިން އެކަން ސީރިއަސްކޮށް ނަގާތަން ފެނިގެން ނުދާތީ ކަމަށެވެ.

"އަޅުގަނޑުމެން ޑޮކްޓަރުން ކިހާ ވަރަކަށްތޯ ސޯޝަލް މީޑިއާގައި އަޑު އުފުލީ ކޮރޯނާއަށް ސްކްރީން ކުރަން ވަގުތު ޖެހިއްޖޭ ތިހެން ނުހައްދަވާ މިކަމަށް ހައްލެއް ގެނެސް ދެއްވާށޭ. އެކަމަކު ކަހާތަން ހިރުވާވެސް ނުލާ ހުރީ. ފަހުން ދެން އެކަން ކޮށްފި،

" ޑރ. ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ބައްޔެއް ޖެހިފައިވާ މީހަކަށް އޭނާއަށް ޖެހިފައި ހުރީ އެވަރުގެ ނުރައްކާ ބައްޔެއްކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ މި ބައްޔަކީވެސް ހުން އައުމާއި ބޮލާއި ގައިގަ ރިއްސުން ފަދަ ކަންކަން ކުރިމަތިވާ ކަމެއް ކަމުން މިކަމުގައި ބަލި ޖެހިފައި ހުންނަ މީހާވެސް އެއީ އާދައިގެ ވައިރަލް ހުމެއްގެ ގޮތުގައި ސިފަ ކޮށްފާނެ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން އެބަޖެހޭ ދެއްތޯ މިކަން ކަމަށް ސަމާލުކަން ދޭން. ބައެއް ހާލަތްތަކުގައި ބަލި ޖެހިފައި ހުރި މީހާ އޭނަ ހުރި ހާލަތު ނޭނގުމުން ދަތުރުކޮށް ރާއްޖެވެސް އައިސާދާނެ ޗުއްޓީއެއް ހަދާލަން. އެކަމަކު އޭނަ ސްކްރީން ކުރަން މި ހުންނަ ކެމެރާއާ ވަގުތުން އޭނާ އެކަހެރިކޮށް ބެހެއްޓޭނެ ނިޒާމުތަކެއް އެބަޖެހޭ ވަރުގަދަ ކުރަން. ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއިން މި ފެންނަނީ ހަމަ އެއްގޮތަކަށްވެސް މިކަން ކަމަށް ފަރުވާލެއް ނުބަހައްޓާތަން،"

އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ފެށިއެވެ. އަދި އެތަނުގައި ވަކި ހާއްސަ ޔުނިޓެއް ކޮރޯނާ ވައިރަހަށް ހާއްސަ ކުރިއެވެ. ނަމަވެސް ގިނަބަޔަކު އެކަމާއިވެސް އައީ ރުޅިއެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ އެތައްހާސް ރައްޔިތުންނެއް ދިރިއުޅޭ ތަނެއްގައި ނުރައްކާތެރި ވައިރަސް ޖެހިފައިވާ މީހުން ކަރަންޓީނު ސެންޓަރެއް ފުރަތަމަ ބެހެއްޓުމަކީވެސް ގޯހެކެވެ.

"މި ބަލީގެ ކަންކަމުގައި ރާއްޖޭގައި އެކަށޭނެ މިންވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިފައެއް ނެތް. މިކަންކަން ވަގުތުން ވަގުތަށް ބަލާ ރަނގަޅު ކުރުމަށް ގޮވާލަން،" މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވިއެވެ.

ސަރުކާރުން މި ބައްޔާއި މެދު ސީރިއަސް ނުވަނީ ކީއްވެ؟

ސުވާލަކީ މި ވައިރަހާއި މެދު ރާއްޖެއިން އެހާ ފުން ވިސްނުމަކުން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ. ކޮން ކަމަކަށް ގެއްލުން ވެދާނެތީއެވެ.

"ފަތުރުވެރިކަމަށް. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ފަހަރުގައި ސަރުކާރުން އެހާ ބޮޑަށް އެކަން ސީރިއަސްކޮށް ނުނަގަނީ ގައުމު އޮތް ހާލަތަށް ބަލާފައި ދައުލަތަށް ލިބިދާނެ އާމްދަނީން ގައުމު ހުއްޓުމަކަށް ހިނގައި ދާނެތީ ކަމަށް ވެދާނެ. އެންމެ މީހެއް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައި ހުރިކަން އެނގުނު ނަމަވެސް މުޅި ރާއްޖެ އަނދަވަޅަކަށް ވެއްޓޭނެ. ރިސޯޓުތައް ހުއްޓުމަކަށް އަންނާނެ. ޗައިނާ ފަދަ އިގްތިސޯދު ރަނގަޅު ގައުމުތަކަށްވެސް އެކަމުގެ އަސަރު ކުރާނެ. އެކަމަކު އެމީހުން ތެދުވާނެ. ރާއްޖެއިން ކިހިނެއްތޯ ހަދާނީ. ނުތެދުވެވޭނެ. އަޅުގަނޑުމެން މި ހުންނަނީ ޝަހާދަތް ކިޔާލަ ކިޔާލާ،" ނަން މަޝްހޫރު ރިސޯޓު އޯނަރެއް "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެންމެ މީހެއްވެސް އަޔަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތަށް އާމްދަނީ ވައްދަދޭ ސިނާއަތް ސަލާމަތް ކުރުންވެސް އޮތީ މިއަދު ދައުލަތުގެ އަތް މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކުރަންވި ކަމަކީ، މިކަމަށް ރަނގަޅު ޕްލޭނެއް އެކުލަވާލަންވީ. ރަނގަޅު ފެންވަރުންގެ ޑޮކްޓަރުންގެ ޓީމެއް ނަގަންވީ. ކޮންމެ ކަމެއް ކުރާކަށް ސިޔާސީ މީހުން ނަގާކަށް ނުޖެހޭ. ރާއްޖޭގައި މޮޅެތި ޑޮކްޓަރުން މިއަދު އެބަތިބި. އެމީހުންނަށް އެކަން ކުރުމަށް ވަސީލަތްތައް މަގުފަހި ކޮށްދެންވީ. ޓެސްޓުތައް ހެދޭނެ ނިޒާމެއް ގާއިމް ކޮށްދޭންވީ. އެންމެ ކިޓެއް ދެ ކިޓެއް ގެން ގުޅެގެން މިފަދަ ވައިރަހަކުން އަރައެއް ނުގަނެވޭނެ. ޒިންމާދާރުވެ ހުރިހާ ބޭފުޅުންވެސް މިއީ ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެން ކޮޅަށް ތެދުވަންވީ،" ކުރިން ވާހަކަ ދެއްކެވި ޑރ. ވިދާޅުވިއެވެ.

ކޮންމެއަކަސް ރާއްޖެއިން މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރާއްޖެއަށް ލިބިގެންދާ ގެއްލުން އަންދާޒާވެސް ކުރަން ދަތިވާނެއެވެ. މާތްﷲ ގެ ރަހުމަތުން މިފަދަ ބޮޑު ބަލި މަޑުކަމެއް ރާއްޖެއަށް މިފަހުގެ ތާރީހެއްގައި ކުރިމަތިނުވި ނަމަވެސް ކަމެއް ވާނީ ބުނެފައެއް ނޫނޭ ބުނާ ބީދައިން މިކަމަކީ "ސީރިއަސް" ކަމެއްގެ ގޮތުގައި ދެކި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ރައްޔިތުންނާއި ފަތުރުވެރިވެރިންގެ ސަލާމަތް ކަށަވަރުކުރަންޖެހެއެވެ.