Last Updated: April 25, 17:59
Thursday, April 25, 2024
ރިޕޯޓް

ދީބާޖާ މައްސަލަ: ގާނޫނީ ބޮޑު އޮޅުންބޮޅުންގަނޑެއް!

ދީބާޖާ މައްސަލައަކީ ދައުލަތުގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައެކެވެ. މައްސަލައިގައި ހުރިހާ ކޯޓު މަރުހަލާއެއް ނިމިފައިވާއިރު، ދައުލަތުން ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ ބޮޑުކަމުން ރައްޔިތުންގެ މަޖިލިސްއާއި ގިނަ ޢާންމު ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެމައްސަލަ މިހާތަނަށް ހިނގާފައިވާ ގޮތުން ތަފާތު އެކިއެކި ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނުގެ އިނގިލި ވަނީ އަމާޒުވެފައެވެ. އެގޮތުން އެންމެ ބޮޑަށް އިނގިލި އަމާޒުވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗަށެވެ.

މައްސަލަ މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވަނީ، ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާ މެދު ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބަންޑާރަ ނައިބު ނިންމަވާފައިވާކަމަށެވެ.

މި މައްސަލަ ރިވިއުކޮށްދިނުމަށްއެދި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި އެކޯޓުން އެމައްސަލަ ބަލައިގެންފިނަމަ ޤާނޫނީ އެތައް މައްސަލައެއް ނިކުތުމަކީ ޝައްކެއް އޮތްކަމެއްނޫނެވެ. އެގޮތުން ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިނަމަ ދިމާވާނެ މައްސަލަތަކާމެދު އަލިއަޅުވާލާނަމެވެ.

ފްލަޑް ގޭޓެއް ހުޅުވިގެންދިއުން

މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިނަމަ ވަރަށް ނުރައްކާތެރި ފްލަޑް ގޭޓެއް ހުޅުވިގެން ހިނގައިދާނެވެ. އެއީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކަށް ދުވަހަކުވެސް ނިމުމެއް ނާންނާއެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ދައުލަތުން ނުވަތާ ޢާންމު ފަރާތަކުންވެސް ހިންހަމަ ނުޖެހޭނަމަ އެ މައްސަލައެއް އަލުން ރިވިއުކުރުމަށް ހުށަހެޅުމުގެ ދޮރު ފަސޭހަކަމާއެކު ހުޅުވިގެން ހިނގައިދާނެއެވެ. އަދި ދިވެހިރާއްޖޭ އަދުލު އިންސާފު ޤާޢިމު ކުރުމުގެ އެންމެ މަތީ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ކަމަށްވެފައި، މައްސަލަތަކުގައި އެންމެ ފަހު ބަސްބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާއިރު، ދީބާޖާގެ މައްސަލަ ބަލައިގެންފިނަމަ މައްސަލަތަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ.
ސަރުކާރުން ފަނޑިޔާރުގެ މިނިވަންކުރުން؛
އިބްރާހިމް މުޙައްމަދު ޞޯލިހުގެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ފަނޑިޔާރުގެ މިނިވަންކުރުމެވެ. އެގޮތުން ކޮރަޕްޓު ފަނޑިޔާރުން ބޭރުކޮށް، އަލުން ޤާބިލު ފަނޑިޔާރުން ކޯޓުތަކަށްވަނީ އައްޔަން ކޮށްފައެވެ. ސުޕްރީމް ކޯޓުގެ މުޅި ބެންޗު ވަނީ އެއްކޮށް ބަދަލުކޮށްފައެވެ. މި ކުޑަ މުއްދަތުގެ އެ ބަދަލުގެ ހެޔޮ ފައިދާ ރައްޔަތުންނަށް ދަނީ ކުރަމުންނެވެ. އުފެދޭ ސުވާލަކީ ސަރުކާރުގެ މެޖޯރިޓީ އޮތް ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކޮށް، ދައުލަތުން ބޭނުންވާ މައްސަލަތައް ނިންމެވުމުގައި ސަރުކާރުން، ސުޕްރީމް ކޯޓުގެ އައު ބެންޗަށް ނުފޫޒު ފޯރުވަފާނެބާއެވެ. އެގޮތަށް އެކަން ވެއްޖެނަމަ އިންތިޙާބު ދުވަސްވަރުގައި މި ސަރުކާރުން ކީ ޅެން ފަރިއްސަށް ބަދަލުވީއެވެ. ރައްޔަތުންނަށް އޮތީ ކަންކަން ހިނގާ ގޮތް ބަލަންތިބުމެވެ.

ފަނޑިޔާރުންގެ ނަޒާހަތްތެރިކަން؛

މި ސަރުކާރު އައުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެޖޯރިޓި ލިބުމާއެކު ފަނޑިޔާރުގެ އިޞްލާހު ކުރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ދަނީ ކުރެވެމުނެވެ. އެގޮތުން މުޅި ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކޮށްފައިވާއިރު، މިހާރު އައްޔަނު ކުރެވިފައިވާ ބެންޗުގައި ހިމެނޭ ބައެއް ފަރާތްތަކަކީ ނަޒާހަތްތެރި ނޫން ބައެއްކަމަށް އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ސުޕްރީމް ކޯޓަށް މިހާރު އައްޔަނުކޮށްފައިވާ މީހުންނަކީ، އެމީހުންގެ ޤާބިލުކަމަށްވުރެ މި ސަރުކާރު ބޭނުން ގޮތަކަށް މައްސަލަތައް ނިންމައިދޭން އައްޔަނުކޮށްފައިވާ ބެންޗެއްކަމަށެވެ. މިހެން މި ތުހުމަތު ތައް އޮތް އިރު އުފެދޭ ސުވާލަކީ ދީބާޖާގެ މައްސަލަ ރިވިއުކޮށް ދިނުމަށް ދައުލަތުން ހުށަހަޅައިގެން ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިގެންފާނެބާއެވެ. ހަމަ ޔަޤީނުންވެސް ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗަށް އަމާޒު ކުރެވޭ ފާޑުކިއުންތަކުން ސަލާމަތްވުމަށް އެފަރާތްތަކުން ނުސީދާ ގޮތެއްގައި މަސައްކަތްކުރާނެކަމީ ދެބަސްނުވެނޭނެކަމެކެވެ.

ޙަސްމުން އެދިގެން ރިވިއުކުރެވޭނެ ޙާލަތެއްނެތް؛

ދަޢުވާކުރާ ފަރާތާއި ދަޢުވާކުރާ ފަރާތުން ބޭނުން ވެއްޖެނަމަ މައްސަލަތައް ރިވިއުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް އެދި ހުށަހެޅުމަކީ ޤާނޫނު ދަންނަ ހާލަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް އެކޯޓަށް ލިބިދޭ އިޙްތިޔާރުގެ ދަށުން ބަދަލު ކުރުމަކީ ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން މަނާކުރާ ކަމެއް ނޫން ކަމުގައެވެ. އެހެންކަމުން، ދިބާޖާ މައްސަލައަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތް މައްސަލައ ަކަށްވެފައި، އެ މައްސަލައިގައި ކުރިން ނިންމި ނިންމުމާމެދު އަލުން ގޮތެއް ނިންމެވުމަށް ސުޕްރީމް ކޯޓުން މިހާތަނަށް ނިންމެވުމެއް ނިންމަވާފައި ނުވަނީސް، ދައުލަތުގެ ފަރާތުން އެ މައްސަލަ އަލުން ރިވިއުކުރުމަށް އެދެމުން ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިގަނެ ގޮތެއް ނިންމަވައިފިނަމަ، ސުޕްރީމް ކޯޓުން އެނިންމެވި ނިންމެވުމަކީ ޤާނޫނާއި ޚިލާފަށް ނިންމި ނިންމުމެއް ކަމުގައިމެނުވީ ނުވާނެއެވެ.

މި މައްސަލައަކީ މުޅި ދައުލަތާއި ދިވެހިރައްޔަތުންގެ މަސްލަޙަތު ހިމެނޭ މައްސަލައެކެވެ. މި މައްސަލަ މިގޮތަށް ހިނގަން މެދުވެރިވެފައިވަނީ އެތައްބައެއްގެ އިހުމާލުންނެވެ. ޒިންމާވާނެ އެއްވެސް ފަރާތެއްނެތެވެ. ބަންޑާރަނައިބު ބޮލުގައި މި މައްސަލަ އަޅުވައިގެން ހަމައެކަނި ސަލާމަތްވެވޭނެ އެއްވެސް މަގެއްނެތެވެ. ބަންޑާރަނައިބުގެ ޒިންމާއަކީ ދައުލަތުގެ މަސްލަޙަތާއި ރައްޔަތުންގެ ޙައްޤުތައް ހިމާޔަތްކުރުމެވެ. ދީބާޖާ މައްސަލައިގައި ޤާނޫނާއި ޙިލާފު އެތައްކަމެއް ހިނގާފައިވާކަމަށް ޝައްކުރެވޭތީ އެކަންކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބަންޑާރަ ނައިބުވަނީ އަންގަވާފައެވެ. އަދި މައްސަލައިގައި ހުރިހާ ކޯޓު މަރުހަލާއެއް ނިމިފައިވާއިރު،ޤާނުނީ ގޮތުން މައްސަލައިގައި ކުރެވޭނެ ކަމެއް ނެތްކަމަށްވެސް ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހުގައިވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މި މައްސަލަ ހިނގާފައިވާ ގޮތަށްބަލާއިރު، ރައްޔަތުންގެ ކަންބޮޑުވުން ހިނޭތީ ބަންޑާރަނައިބު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ކުރެވިދާނެކެމެކެވެ. ނަމަވެސް، މައްސަލައިގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ.