Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

"ނިކަމެތިންގެ ހައްގުތައް ހޯދަން ކުރި މަސައްކަތުގެ ހަދިޔާއަކީ ބިރުދެއްކުމާއި އިންޒާރު"

18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ވިދާޅުވެއްޖެއެވެ.

ހިޝާން މިހެން ވިދާޅުވިއިރު މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓާ، ބަޔަކު ވަނީ އޭނާ އަށް މަރުގެ އިންޒާރު ވެސް ދީފައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެގެން ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި މިވަރުން ދެން ފުދޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްފައި ދާން ކަމަށްވެސް ހިޝާން ވިދާޅުވިއެވެ.

"މި ގައުމުގައި ހައްގު ބަސް ބުނާ މީހުންނަކަށް ދިރިހުރުމުގެ ހައްގެއް ނެތް. އަހަރެން މިހާތަނަށް ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރީއްޔާ" ހިޝާން ވިދާޅުވިއެވެ.

ހިޝާން ކުރެއްވި މި ޓްވީޓުގައި ވަނީ ރައީސް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ހިއުމައިން ރައިޓްސް ކޮމިޝަން ވެސް ޓެގް ކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކެމަތިންނަށް އެހީވެ އެކުދިންގެ ހައްޤުތަކަށް އެންމެ ބޮޑަށް އަޑު އުފުލާ ފަރާތަކީ ހިޝާން އެވެ. އެގޮތުން ހިޝާން އަށް ވަނީ އިޖުތީމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.