Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ކިޔަވާ ކުދީންނަށް މޯދީ ޖެއްސުން ކުރައްވާ ކަމަށް ތުހުމަތުކޮށްފި

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު، މަގުބޫލު އަދި އިންތިހާއަށް ހުނަރުވެރި ފިލްމީ ތަރި ނަސީރުއްދީން ޝާހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ސުއާލުކުރިއެވެ. "އަޅުގަނޑުގެ އަތުގައި އުފަންދުވަހުގެ ސެޓްފިކެޓެއް ނެތް. އެހެންވެ އަޅުގަނޑު އިންޑިއާގެ ރައްޔިތެއްކަމުގައި ނުހިމެނޭނެ، ދެއްތޯ؟"

ބޮޑުވަޒީރު މޯދީގެ ސަރުކާރުން އިސްނަގައިގެ މިދިޔަ އަހަރު ހެދި އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު ވަނީ ވަރަށް ބޮޑު "ފަސާދަ" އަކަށް ވެފައެވެ. އެ ގާނޫނާ ދެކޮޅަށް އިންޑިއާގެ ވަރަށް ގިނަ ބަޔަކުދަނީ މުޒާހަރާކުރަމުންނެވެ. ނަސީރުއްދީން ޝާހަކީ ވެސް އެ ގާނޫނާ ދެކޮޅަށް ޚިޔާލުފާޅުކޮށް ވާހަކަދައްކަމުންދާ މީހެކެވެ.

ނަސީރުއްދީން ބުނިގޮތުގައި އޭނާއަކީ އިންޑިއާގެ ރައްޔިތެއްކަން ސާބިތުކޮށް ދިނުމަށް ސަރުކާރުން ދަނީ މަޖުބޫރު ކުރަމުންނެވެ.

ނަސީރުއްދީން ބުނިގޮތުގައި އޭނާއަކީ އިންޑިއާގެ ރައްޔިތެއްކަން ސާބިތުކޮށް ދިނުމަށް އޭނާގެ ޕާސްޕޯޓާއި ވޯޓުލާން ބޭނުންކުރާ އައިޑީކާޑާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަނާއި އާދާރު ކާޑު، ނުފުދޭކަމަށެވެ.

"އަޅުގަނޑު އަތުގައި އުފަންދުވަހުގެ ސެޓުފިކެޓެއްނެތް. ދެން އެ ސެޓްފިކެޓު އަޅުގަނޑު ހުށަހަޅާނީ ކިހިނެއް؟ އޭގެ މާނައަކީ އަޅުގަނޑު އިންޑިއާގެ ރައްޔިތަކަށް ނުވުންތަ؟" ހުނަރުވެރި ފިލްމީ ތަރި ނަސީރުއްދީން ބުންޏެވެ.

"އަޅުގަނޑު އިންޑިއާގައި އުޅެމުންދާތާ 70 އަހަރުވެއްޖެ. އަޅުގަނޑަކީ އިންޑިއާ މީހެއްކަން އަޅުގަނޑު ސާބިތުކޮށްދިނުމުގެ ބޭނުމެއް ނެތް. އަޅުގަނޑަކީ އިންޑިއާ މީހެއް. އަޅުގަނޑު ފިކުރު ބޮޑެއްނުވޭ. އަޅުގަނޑު ކަންބޮޑެއް ވެސްނުވޭ. އަޅުގަނޑު އަންނަނީ ރުޅި، (ސަރުކާރުންކަންތައްކުރާގޮތާމެދު)"

އަލަށް ހެދި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ ކިޔަވާކުދީންނަށް ސަލާމާތީ ބާރުތަކުން އަނިޔާކުރަމުންދާތީ ނަސީރުއްދީންގެ އިންޓވިއުގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަދެއްކިއެވެ. އޭނާ ބުނި ގޮތުގައި ދުވަހަކު ސްކޫލަކަށް ކިޔަވަންނުދާ، ކިޔަވާކުއްޖެއްގެ ގޮތުގައި ދުވަހަކު އުޅެފައި ނެތް މީހުންގެ ކިބައިގައި ޢިލްމީ ހުނަރެއް ނުހުންނާނެއެވެ. ނަސީރުއްދީންގެ ވާހަކަ ނުސީދާގޮތެއްގައި އަމާޒުކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. ކިޔަވާވިދާޅުވާން އުޅުވާންޖެހޭ އުމުރުގައި މޯދީ އުޅުއްވީ ސައިވިއްކެވުމުގެ ބުރަމަސައްކަތުގައެވެ.

ނަސީރުއްދީން ބުނިގޮތުގައި މޯދީ ދުވަހަކު ސްކޫލަކަށް ވަޑައިނުގަންނަވާ ކަމަށާއި ކިޔަވާވިދާޅުވާން ނޫޅުއްވާކަމަށް ވިދާޅުވެ ޚުދު މޯދީ ދައްކަވާފައިވާ ވާހަކަފުޅުގެ ވޯޑިއޯ ކްލިޕެއް އޭނާގެ އަތުގައި އެބައޮތެވެ.

"އެފަދަ ބޭފުޅެއްގެ ހިތްޕުޅުގައި ކިޔަވާކުދީންނާ މެދު ލޯތްބެއް އޯގާތެރި ކަމެއް ނޯންނާނެ. އެކަމާ އަޅުގަނޑުމެން ހައިރާންވާކަށް ނުޖެހޭ." އޭނާ ބުންޏެވެ.

ނަސީރުއްދީން ޝާހު ބުނިގޮތުގައި މަޝްހޫރު އަދި މަގުބޫލު ފިލްމީ ތަރިން ރަށްވެހިކަމުގެ ގާނޫނާއި ސަރުކާރުންކުރާ ދޯހަޅި ކަންތައްތަކަށް ފާޑުކިޔައި ވާހަކަ ނުދައްކަނީ ހައްދުފަހަނަޅާފައިވާ ހިންދޫންގެ އުނދަގުލާއ ނުރައްކަލާ ކުރިމަތިލާން ބޭނުންނުވާތީއެވެ.