Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ރޮނާލްޑޯގެ 50 ވަނަ ލަނޑާއެކު ޔުވެންޓަސް މޮޅުވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑާއެކު، އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން ފިއޮރެންޓީނާގެ މައްޗަށް 3-0 އިން މޮޅުވެއްޖެއެވެ.

މި މޮޅާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 54 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު އިތުރު ޕެނަލްޓީއަކުން ޔުވެންޓަސްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ޔުވެންޓަސްގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މަތިއަސް ޑިލިޓް އެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 50 އަށް އަރާފައިވާއިރު އޭނާ މިހާތަނަށް އެޓީމަށް ކުޅެދިނީ 70 މެޗެވެ. ރޮނާޅްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރުއެވެ.