Last Updated: April 20, 10:54
Saturday, April 20, 2024
ކުޅިވަރު

ގައުމީ ކުޅުންތެރިންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު - އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ގައުމީ ޓީމް އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޔޫތް މިނިސްޓްރީން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވެސް ވަނީ މިކަމަށް އިއުލާނެއްކޮށްފައެވެ. ނަމަވެސް އަލުން މިކަމަށް އިއުލާންކުރީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހުށަހެޅުން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:30 ގައި ޔޫތް މިނިސްޓްރީގައެވެ.

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާއަށް ބޭސްފަރުވާ ކުރެވޭނެ ހާއްސަ އިންޝްއަރެންސް ޕެކޭޖެއް މިއަހަރުތެރޭ ތައާރަފް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

"ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިދުމަތް ލިބެން ފަށާނެ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެ، ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ލޯނު ސްކީމެއް ތައާރަފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.