Last Updated: April 27, 09:46
Saturday, April 27, 2024
ކުޅިވަރު

ބާސާގެ ސްޕޯޓިން ޑިރެކްޓަރަށް މެސީ ފާޑުކިޔައިފި

ބާސާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި އެރިކް އަބީޑާލް އަށް، އެ ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ފާޑުކިޔައިފި އެވެ.

ކުރިން ބާސާ އަށް ވެސް ކުޅެފައިވާ އަބީޑާލް އަށް މެސީ ފާޑުކިޔާފައިމިވަނީ، ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، އެ ކްލަބުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ހުރިއިރު ބައެއް ކުޅުންތެރިން ބުރަކޮށް މަސައްކަތް ނުކުރާ ކަމަށް އަބީޑާލް ތުހުމަަތުކޮށްފައިވާތީއެވެ.

އެ ވާހަކަތަކާ ގުޅިގެން މެސީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ދަނޑު މަތީގައި ހިނގާ ކަންކަމަށް ކުޅުންތެރިން ޒިންމާ ނަގާނެ ކަމަށާއި އަދި ރަނގަޅަށް ނުކުޅެވޭނަމަ އެކަމަށް އެންމެ ފުރަތަމަ އެއްބަސްވާނީ ވެސް ކުޅުންތެރިން ކަމަށެވެ. މެސީ ވަނީ ބުރަކޮށް މަސައްކަތް ނުކުރަނީ ކޮން ކުޅުންތެރިންނެއްކަން ހާމަކުރުމަށް ވެސް އަބީޑާލް އަށް ގޮވާލާފައެވެ.

"ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަދައްކާއިރު، އެއީ ކުޅުންތެރިންނެއްކަން ވެސް ބުނެދޭންޖެހޭ. އެހެން ނޫންނަމަ އެއްވެސް ހަގީގަތެއް ނެތް ކަންކަމަށް ބާރު ލިބިގެންދާނެ" ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ ބުންޏެވެ.

އަދި ކްލަބުގެ ސްޕޯޓިން ޑިޕާޓްމެންޓުގައި ތިބި އިސް ފަރާތްތަކުން އަމިއްލަ އަށް ނިންމާ ނިންމުންތަކުގެ ޒިންމާ އެ އުފުލަންޖެހޭ ކަމަށްވެސް މެސީ ބުންޏެވެ.

މިއީ މިފަދަ ގޮތަކަށް ބާސާގެ އިސް ފަރާތަކަށް އަމާޒުކޮށް މެސީ ފާޑުކިޔުންތަކެއް އަމާޒުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.