Last Updated: July 5, 20:34
Saturday, July 5, 2025
ކުޅިވަރު

ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ޗުއްޓީއަށް ރާއްޖެ އަށް

ޗުއްޓީ ހޭދަކޮށްލަން ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ރާއްޖެ އަތުވެއްޖެ އެވެ.

މި ދުވަސްކޮޅަކީ ޕްރިމިއާ ލީގުގެ ޓީމުތަކަށް "ވިންޓާ ބްރޭކް" ލިބިފައިވާ ދުވަސްކޮޅަކަށް ވުމާއެކު ކުޅުންތެރިން ވަނީ ޗުއްޓީ ހޭދަކޮށްލަން ދުނިޔޭގެ އެކި ގައުމުތަކަށް ގޮސްފައެވެ.

އެގޮތުން ޗުއްޓީ ރާއްޖެ އައިސްފައިވާ ބައެއް ކުޅުންތެރިންގެ ތެރޭގައި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ އިތުބާރު ފޯވާޑް ރޮބާޓޯ ފަމީނޯ އާއި މިޑްފީލްޑަރު ފަބީނިއޯ ހިމެނެއެވެ. ލީގުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތީ 22 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން މިފަހަކަށް އައިސް މެންޗެސްޓަރ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ވެސް އަންނަނީ އޭނާގެ އަންހެނުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ޗެލްސީގެ ތަޖުރިބާކާރު ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ވެސް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވަނީ ރާއްޖެ އަށެވެ.

ޗުއްޓީ ހޭދަކޮށްލަން ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ރާއްޖެ އައިސްފައިވާއިރު، ރާއްޖެ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް މަގުބޫލު މަންޒިލަކަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ލީގުތަކުގައި މީގެކުރިން ވެސް ވިންޓާ ބްރޭކް ދެމުންދިޔަ ނަމަވެސް ޕްރިމިއާ ލީގަށް އެކަން ތައާރަފްކޮށްފައިވަނީ މި ސީޒަނުގައެވެ.