Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު އަލީ ނިޒާރު

އައްޑޫގެ އިގްތިސާދު ރަނގަޅުކޮށް، ރައްޔިތުން ތަނަވަސްކުރާނަން: ނިޒާރު

އައްޑޫގެ އިގްތިސާދު ރަނގަޅުކޮށް އެ ސިޓީގެ ރައްޔިތުންގެ ތަނަވަސްކުރަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ ޓީވީ ޝޯއެއްގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫ އަކީ އިގްތިސާދީ ގޮތުން ބަލާއިރު މާބޮޑު ވަރެއް ނެތް ތަނެއް ކަމަށާއި އެގޮތުން މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކާ ކަންކަން ކުރައްވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އައްޑޫގައި ވެސް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި އަދި އައްޑޫ ރައްޔިތުންގެ ތަނަވަސްކުރަން އިތުރު ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

"އައްޑޫ ރައްޔިތުންގެ ޖީބަށް އެއްޗެއް ލެވޭނެ ގޮތް ހޯދައިދިނުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑަކީ އެ ދާއިރާގެ މާބޮޑު އެކްސްޕާޓަކަށް ނުވިޔަސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ކުރާނެ ސިކުނޑިތަކެއް އައްޑޫގައި އެބަތިބި، މޮޅެތި މީހުން އެބަތިބި. އެ މީހުން ބޭނުންކޮށްގެން އައްޑޫ ރައްޔިތުންނާ އެކު މަޝްވަރާ ކުރެވިގެން އައްޑޫގެ ރައްޔިތުންނަށް ރަނގަޅުވާނެ ގޮތް ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާނަން. އެއީ އެންމެ މުހިއްމު ކަންކަން"

ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި އިޖުތިމާއީ މައްސަލަތަކެއް ވެސް ހުރިކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ރައްޔިތުންނަށް ގެނެވޭ ތަނަވަސްކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލެއް އަންނާނެ ކަމަށެވެ. އަދި ވީރާނާވެފައިވާ އައްޑޫގެ މަލަމަތި ބަދަލުކޮށްލުމަކީ ވެސް އަމާޒެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެއިތުރުން ރޭ ވެސް ނިޒާރު ވަނީ ކަންކަން ނުކުރެވޭނަމަ އެކަމުގެ ވާހަކަ ދައްކަވާނެ ކަމަށާއި އޭނާ މޭޔަރުގެ މަގާމުގައި ހުންނަވާނީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އައްޑޫގައި ހިންގަން ރާވާފައި ހުރި ޕްރޮޖެކްޓުތައް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.