Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ސްޕެނިޝް ކަޕުން ބާސާ އާއި ރެއާލް ކަޓައިފި

ސްޕެނިޝް ކަޕުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކަޓައިފި އެވެ.

ރެއާލް މުބާރާތުން ކެޓީ ކުއާޓާފައިނަލުގައި ރޭ ރެއާލް ސޮސިއެޑާޑްއާ ބައްދަލުކުރި މެޗުން 4-3 އިން ބަލިވުމުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ ސޮސިއެޑާޑް އަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އިސާކް ވަނީ ދެ ގޯލު ކާމިޔާބުކޮށް ސޮސިއެޑާޑްގެ ލީޑު ފުޅާކޮށްދީފައެވެ.

މެެޗުގެ 59 ވަނަ މިނެޓްގައި މާސެލޯ ރެއާލް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު އޭގެ 10 މިނެޓްފަހުން މެރީނޯ ވަނީ ސޮސިއެޑާޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން ރެއާލް އިން ދެ ގޯލު ކާމިޔާބުކުރި ނަމަވެސް ނަތީޖާ އެއްވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެ ދެ ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އާއި ނާޗޯ އެވެ.

ބާސެލޯނާ މުބާރާތުން ރޭ ކެޓީ ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯއާ ބައްދަލުކުރި މެޗުން 1-0 އިން ބަލިވުމުންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބިލްބާއޯ އިން ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓްގައެވެ. މި ގޯލަކީ ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ބިލްބާއޯގެ ގޯލުގެ ކުރިން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ދެވަނަ ހާފްގައި ކުޅެން އެރި އެންޓޮއިން ގްރިޒްމަން އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ރެއާލް އާއި ބާސާ މުބާރާތުން ކަޓާފައިވާއިރު މިފަހަރު ވެގެންދާނީ 2010 ވަނަ އަހަރަށްފަަހު މުބާރާތުގެ ސެމީގައި މި ދެ ޓީމުން ކުރެ ޓީމެއް ވާދަނުކުރާނެ ފުރަތަމަ ފަހަރަށެވެ.