Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ގާޑިއޯލާ ބޭނުންވަނީ މެސީ ބާސާގައި ރިޓަޔާކުރުމަށް

މެސީ ހިލޭ ޖެހުމަކަށް ހުއްޓިލައިގެން؛ ފޮޓޯ -ބާސެލޯނާ

ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ކެރިއަރު ނިންމާލަން އެދެނީ ބާސާގައި ކަމަށް އެކުލަބުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެސީގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްކޮޅު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ހޭދަކޮށްފައިވާއިރު އޭނާ މިސީޒަން ނިމުމުން ބާސާ ދޫކޮށްލާނެ ކަމަށް ބުނެ މީޑިޔާގައި އަޑުފެތުރިފައިވެއެވެ.

އަދި އޭނާ ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރާނީ ގާޑިއޯލާގެ މިހާރުގެ ޓީމު މެންޗެސްޓާ ސިޓީ އިން ކަމަށް ވެސް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ގާޑިއޯލާ އާ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ މެސީ، ބާސާ ދޫކޮށްލަން އޭނާގެ ހިތް ނޭދޭ ކަމަށެވެ. އަދި ނަސޭހަތެއް މެސީއަށް ދޭން ޖެހިއްޖެނަމަ ދޭނީ ބާސާގައި ކެރިއަރު ނިންމާލަން ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.

މިސީޒަން ނިމުމުން މެސީގެ ބާސާ ކޮންޓްރެކްޓު ހަމަވެ ހިލޭ އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. ކޮންޓްރެކްޓު އާކުރަން މެސީ ދެކޮޅު ހަދަނީ ދާދި ފަހުން ކުލަބުގެ ސްޕޯޓިން ޑިރެކްޓަރ އެރިކް އަބިޑަލް ދެއްކި ވާހަކަތަކާ ގުޅިގެން މެސީ ހިތްހަމަ ނުޖެހިގެން ކަމަށް ބެލެވެއެވެ.

އަބިޑަލް ވަނީ ބާސާގެ ކުރީގެ ކޯޗު ވަލްވާޑޭ ފޮނުވާލުމުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭ ކަމަށް ބުނެފައެވެ. ރައްދު ދެމުން މެސީ ބުނެފައިވަނީ އެގޮތަށް ވާހަކަ ދައްކާނަމަ ވަކި ކުޅުންތެރިންގެ ނަން ހާމަ ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ހުރިހާ ކުޅޫންތެރިންނަށް ފާޑުކިޔުން ރައްދު ވާ ކަމަށެވެ.

ފަނަރަ އަހަރު ބާސާގައި މެސީ ހޭދަކޮށްފައިވާއިރު އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރު ހޯދައި، ރެކޯޑު ހަދާފައެވެ.