Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ޗައިނާގައި 12 ދުވަސްތެރޭ 1600 އެނދުގެ ހޮސްޕިޓަލެއް އަޅައިފި

ކޮރޯނާވައިރަސް ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 12 ދުވަސް ތެރޭ 1600 އެނދުގެ ހޮސްޕިޓަލެއް ވޫހާން ސިޓީގައި އަޅައިފިއެވެ.

ލެއިޝަންޝަން ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށްވާއިރު އެ ހޮސްޕިޓަލުން މިއަދު ވަނީ ހިދުމަތް ދޭން ފަށާފައެވެ. އެގޮތުން ބަލި ޖެހިފައިވާ ފަރާތްތަށް އެޑްމިޓްކޮށްގެން ފަރުވާދޭން މިހާރު ވަނީ ފަށާފައެވެ.

މި ހޮސްޕިޓަލުގައި 1600 އެނދު ހުންނައިރު މިއީ މި ވައިރަހާ ގުޅިގެން ޗައިނާގައި އިމާރާތް ކުރި ދެވަނަ ހޮސްޕިޓަލެވެ. އެގޮތުން ފުރަތަމަ ހޮސްޕިޓަލު އިމާރާތްކޮށް ނިންމާލާފައިވަނީ އެންމެ ހަ ދުވަހުގެ ތެރޭގައި ކަމަށްވާއިރު އެއީ 1000 އެނދުގެ ހޮސްޕިޓަލެކެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާން ސިޓީން ކަމަށްވާއިރު، އެ ސިޓީގައި އަންނަނީ އެ ބަލި ވަރަށް ބޮޑަށް ފެތުރެމުންނެވެ.

ކޮރޯނާ ވައިރަސްގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 30،00 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.