Last Updated: April 18, 19:44
Thursday, April 18, 2024
ދުނިޔެ

ތައިލޭންޑުގައި ބަޑިން ހަމަލާދީ 12 މީހުން މަރާލައިފި

ތައިލޭންޑުގެ ނަހޮން ރަޗަސިމާ ސިޓީގައި މީހަކު ދިން ބަޑީގެ ހަމަލާއެއްގައި 12 މީހުން މަރުވެއްޖެއެވެ.

ތައިލޭންޑުގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާދީފައިވަނީ އެގައުމުގެ މިލިޓަރީ ކޭމްޕެއްގައި ތަމްރީނު ހަދަމުންދިޔަ ސިފައިންގެ ޖޫނިއާ އޮފިސަރެކެވެ. އެގޮތުން އެ މިލިޓަރީ ކޭމްޕުގައި ހުރި އެންމެ އިސް އޮފިސަރާއި އިތުރު ސިފައިންގެ މީހަކު އޭނާ މަރާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެތަނުން ބަޑި އާއި ވަޒަން ނަގައިގެން ދެން އޭނާ ހަމަލާތައް އަމާޒުކުރީ އެ ސިޓީގައި ހުންނަ ބުދިސްޓުން އަޅުކަން ކުރާ ފައްޅިއެއްގެ އިތުރުން ޝޮޕިން ސެންޓަރަކަށެވެ.

މި ހާދިސާގައި 12 މީހަކު މަރުވިއިރު ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ލިބިފައެވެ. މި ހަމަލާދިން މީހާ ހައްޔަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ހަމަލާ ދިނުމުގެ ކުރިން އޭނާގެ ފޭސްބުކް އެކައުންޓުގައި މިކަމާ ގުޅޭ ތަފާތު އެކި ޕޯސްޓުތައް ވެސް ދިޔައީ ކުރަމުންނެވެ. ނަމަވެސް އެ އެކައުންޓު މިހާރު ވަނީ ޑައުންކޮށްލާފައެވެ.