Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ނަޝީދުގެ އިސްތިއުފާއަކީ ބަޣާވާތެއް ނޫން: ކޯނީ ރިޕޯޓު

ރައީސް ނަޝީދު ބަންޑާރަކޮށީގައި، ސިފައިންގެ މައިމަރުކަޒުގައި ހުންނަވައި އޭނާގެ އަރިހުގައިވާ މީހުންގެ ގާތު އޭނާ އިސްތިިއުފާ ދެއްވަން އުޅުއްވާކަމަށް އެދުވަހުގެ 11 ޖެހުމުގެ ކުރިން ވިދާޅުވިކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. ރައީސް އޮފީހުގައި، ޕްރެސް ކޮންފަރެއްސެއް އިންތިޒާމު ކުރުމަށް އޭނާގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ މީހުންނަށް އިރުޝާދު ވެސް ދެއްވިއެވެ. އެއަށްފަހު، ރަސްމީކޮށް އިސްތިއުފާދެއްވުމަށް ރައީސް އޮފީހަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން އޭނާ ހާމަކުރެއްވިއެވެ. އަދި އެތާނގައި އޭނާގެ ކެބިނެޓުގެ މެންބަރުންނަށާއި އޭނާ ވާހަކަދެއްކެވި އެހެން މީހުންނަށް، އޭނާ ބޭނުންފުޅުވާ ގޮތް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް އޮފީހަށް ވަޑައިގެން އިސްތިއުފާގެ ސިޓީ ކޮބައިތޯ ވިދާޅުވެ ކެބިނެޓު ސެކްރެޓެރީއާ ރައީސް ނަޝީދު ސުއާލު ކުރެއްވުމުން ސިޓީ ތައްޔާރުކުރެވިފައި ނުވާކަމަށް ކެބިނެޓު ސެކްރެޓަރީ ދެންނެވުމުން ގަނޑަކާއި ގަލަމެއް ގެނައުމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލެޓަރހެޑަކާއި ގަލަމެއް ގެނައުމުން އެ މާލަމުގައި ހުރި ޕޯޑިއަމެއްގެ ކައިރީ ހުންނަވައިގެން ރައީސް ނަޝީދުގެ އަމިއްލަ އަތްޕުޅުން އިސްތިއުފާގެ ސިޓީ ލިއުއްވައި ސޮއި ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ރައީސް ނަޝީދު ލިއުއްވި އިސްތިއުފާގެ ސިޓީގައި ވެއެވެ.

"ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފީމެވެ."

އިސްތިއުފާގެ ސިޓީ ލިއުއްވުމަށްފަހު ޕްރެސް ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވާ ދަރުމަވަންތަ މާލަމަށް ރައީސް ނަޝީދު ވެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ކެބިނެޓުގެ ބޭފުޅުންގެ ހާޒިރުގައި މީޑިއާގެ ކުރިމަތީގައި ލައިވްކޮށް މެންދުރު 12.57 ގައި އަމިއްލަފުޅަށް އިއުލާންކުރެއްވިއެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގަތީ މެންދުރުފަހު 1.43 ގައެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސް ނަޝީދުގެ ރައީސްކަމުގެ ދައުރު އެހިނދު ނިމުމަކަށް އައެވެ.

ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމުން ގާނޫނީ ހަމަތަކުގެމަތިން ނައިބު ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ 15.25 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހާޒިރުގައި ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަޙްމަދު ފާއިޒު ޙުސައިންއެވެ.

ވިދިގެން އައިދުވަހު، 8 ފެބުރުއަރީ 2012 ގައި، ރާއްޖޭގެ އެތެރޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، އޭނާ އިސްތިއުފާދެއްވީ ބަޑިދިއްކޮށްފައިވާ ހާލަތުގައި މަޖުބޫރުވެވަޑައިގެންކަމަށެވެ. އަދި އޭނާގެ މަޤާމުގެ ދައުރު ފުރިހަމަކުރައްވަމުން ގެންދެވުމަށް އޭނާއަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އޭނާގެ ފަހުން ވެރިކަމާ ޙަވާލުވެވަޑައިގަތް ރައީސް، އެ މަޤާމުން ފައިބައިވަޑައިގަތުމަށް، އޭނާ އިލްތިމާސްކުރެއްވިއެވެ. ޕްރެސްއަށް އޭނާ ސީދާ ދެއްވާ ބަޔާން ރިޕޯޓުކޮށްފައި ވަނީ އަންނަނިވިފަދައިންނެވެ.

"އާދެ، އަޅުގަނޑު އިސްތިއުފާ ދޭން މަޖުބޫރުވީ ބަޑިޖައްސާފައިވާ ޙާލަތުގައި އަޅުގަނޑުގެ މުޅި ވަށައިގެން ބަޑިތައް ހުރި. އަދި އެމީހުން އަޅުގަނޑުގެ ގާތުގައި ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފިނަމަ، އެ ބޭނުންކުރަން އެމީހުން ފަހަށް ނުޖެހޭނެކަމަށް. އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު ގޮވާލަނީ، މި ބަޣާވާތުގެ ފަހަތުގައި ތިބި މީހުން ހޯދައި ބެލުމަށް. ޤާނޫނީ ސަރުކާރު އަނބުރާ ވެރިކަމަށް ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން."

ރޮއިޓާސް ރިޕޯޓުކޮށްފައި ވަނީ ބަޑިހިފައިގެން އުޅުނީ ކޮންބައެއްކަން އެ ވަގުތު އަދި ސާފުނުވާކަމަށެވެ. ރައީސް ނަޝީދާއި އޭނަގެ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ،އިން ވެސް ޢާއްމުކޮށް ބަޔާންކޮށްފައި ވަނީ، އެއީ ބަޣާވާތެއްކަމަށާއި އެކަން ކޮށްފައި ވަނީ ފުލުހުންނާއި ސިފައިންނާއި ސިޔާސީ މީހުން ގުޅިގެންކަމަށެވެ.

އެޖެންސީ ފްރާންސް ޕްރެސް ("އޭ.އެފްޕީ") ގައި ރައީސް ނަޝީދާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ 7 ފެބުރުއަރީ 2012 ވި އަންގާރަ ދުވަހު އޭނާ ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތްކަމަށާއި އަދި، އެތަނަށް ވަޑައިގެންނެވިއިރު، "މެދު ރޭންކް"ގެ 18 ވަރަކަށް ފުލުހުންނާއި ސިފައިން އެތަނުގެ ކޮންޓްރޯލު ނަގާފައިވާކަން އޭނާއަށް ފާހަގަކުރެއްވުނުކަމަށެވެ.

"އެމީހުން އަޅުގަނޑު ގާތުގައި ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފިކަމަށްވާނަމަ، އެމީހުން ހަތިޔާރުނަގާނެ ކަމަށް. އެކަން އަޅުގަނޑު ނެގީ ބިރުދެއްކުމުގެ ޢަމަލެއްގެ ގޮތުގައި. އަޅުގަނޑުގެ ސަރުކާރުގައި ޚިދުމަތްކޮށްފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނެގޯޝިއޭޓު ކުރަން އަޅުގަނޑު ބޭނުންވި."

އޭރުގެ ނައިބު ރައީސް ޑރ. ވަޙީދަށް ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ "ދަންނަވަންޖެހެނީ، ރައީސްކަމުގެ ވިސްނުން އޭނާ އަބަދުވެސް ގެންގުޅުއްވިކަމަށް. އޭނާއަށް އެކަން ކުރެވޭނެ ފުރުސަތެއް ލިބިވަޑައިގެންފައެއް ނެތް. އެ ފުރުސަތު އޭނާއަށް ފަހިވުމުން، އެ ފުރުސަތުގެ ބޭނުން އޭނާ ކުރެއްވީ."

ބަޣާވާތެއްކަމަށް ދެކެވޭ ވާހަކަ ރައީސް ވަޙީދު ހަރުކަށިކަމާއެކު އިންކާރުކުރެއްވިއެވެ. އަދި ބާރުތައް ޙިއްޞާކުރާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލެއްވުމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ފެބުރުއަރީ 9 ގައި ޑރ. ވަޙީދު ވިދާޅުވި ކަމަށް އޭއެފްޕީގައި ކޯޓުކޮށްފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ހިނގައިދިޔަ ކަންތައްތައް އެއީ، ބަޣާވާތެއްކަމަށް ސިފަކުރުމަކީ ގޯސްކަމެއް. މިކަން މިހެން ވެދާނެކަމަށް އަޅުގަނޑުމެންނަށް ވިސްނިފައެއް ނެތް. އަޅުގަނޑު ހުރީކީ، އެއްގޮތަކަށް ވެސް މިކަމަށް ތައްޔާރަކަށްނޫން."

އިސްތިއުފާ ދެއްވުމުގެ ނަތީޖާއެއްގެ ގޮތުން، އަދި އެދެއްވި އިސްތިއުފާއަށް ފަހުން ތަޢުނު ކުރެއްވުމާ ގުޅިގެން ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ޤާނޫނީ ސައްހަކަމާމެދު ވަގުތުން ނުތަނަވަސްކަން އުފެދެންފެށިއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާ ޚިލާފު މަޖުބޫރުކަމެއްގެ ސަބަބުންތޯ ކަނޑައެޅުމާއި، ސަރުކާރު ބަދަލުވެގެން ދިޔައީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްތޯ ކަނޑައެޅުން މަތިކުރެވުނީ "ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ" (ކޯނީ) އާ އެވެ. އެކަން ކަނޑައެޅުމުގައި ވަށައިގެންވާ ޙާލަތްތަކަށާއި 14 ޖެނުއަރީ 2012 އިން 8 ފެބުރުއަރީ 2012 އަށް ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށްފައިވެއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، ސާފުކޮށް އެނގެން އޮތްގޮތުގައި ކަމަށްވާއިރު، އެކަން ކުރެއްވުމުގައި އަމިއްލަ އިޚުތިޔާރެއް ނެތްކަމަށާއި އޭނާގެ އެ ޢަމަލުގެ ޞައްޙަކަމެއް ނެތްކަމަށް ވިދާޅުވެ ފަހުން ތަޢުނުކުރައްވަމުން ގެންދަވާތީ، ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް ނުވަތަ ޤާނޫނާ ޚިލާފު ބިރުދެއްކުމެއް އޭނާއަށް ކުރިިމަތިވެފައިވާކަން ސާބިތުކޮށްދެއްވުމަކީ، އޭނާގެ ކިބައިގައިވާ ކަމެކެވެ. އެކަމަކު އެކަން އޭނާއަށް އަދި މިހާތަނަށް ސާބިތުކޮށް ދެއްވިފައެއްނުވެއެވެ.

ރައީސް ނަޝީދަ ދެކޮޅަށް ބަޣާވާތެއް ގެނައުމަށް އެއްވެސް ކަހަލަ ރޭވުމެއް އޮވެދާނެތޯ ބަލާއިރު އެކަން އެމްއެންޑީއެފްގެ އޮފިސަރަކު "ކޯނީ"އަށް ބަލައިގަނެވޭފަދަ ގޮތަކަށް ކޮމިޝަންގައި ހެކިބަސް ދިނުމުގައި ހެކީގެ ގޮތުގައި ކިޔައިދީފައިވެއެވެ. އެ އޮފިސަރގެ ބަޔާނުގައި ވެއެވެ.

"އެއީ ރޭވުމެއްކަމުގައި ވާނަމަ އެކަން ރޭވުމުގައި ރައީސް ނަޝީދު ހިމެނިވަައިގަންނަވައެވެ. އެއީ މިހުރިހާ ހާދިސާއެއް ހިނގުމަށް މެދުވެރިވީ ރައީސް ނަޝީދުގެ ޢަމަލުތަކެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ މީހުން އާޓިފިޝަލް ބީޗުން ގެންދިއުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމަކީ މި ހުރިހާ ކަމެއްގެ ފެށުމެވެ. ނުވަތަ ހުރިހާކަމެއް ހިނގަންދިމާވި ސަބަބެވެ. އަދި އެކުރައްވަން ބޭނުންފުޅުވި ކަމެއް ކުރެއްވުމަށްޓަކައި ސިފައިން އަޅާފައިވާ ކޯޑްން ނެގުމަށް ނިންމެވީމާ، ކޯޑްން ކޮށްފައި އޮތް ހިސާބަށް އެމްޑީޕީ މީހުންނަށް އައިސް، ކުރަން ބޭނުންވާ ކަމެއް ކުރުމަށް ފުރުސަތު އެމީހުންނަށް ލިބިދިނެވެ. އަޅުގަނޑަށް ހީވަނީ އެމީހުން އުޅުނީ މައްސަލަ ހައްލުކުރަންކަމަށެވެ. އެކަމަކު ކޯޑްން ނަގަން އެނިންމި ނިންމުން، އަދި އިތުރު އެހެންކަމެއް ނުކޮށް ތިބުމަށް ނިންމި ނިންމުން، އަދި ފުލުހުންނަށް ޙަމަލާދިނުމަށް ދޫކޮށްލުން، އަދި ބޭރުގައި އެހާ ކްރިޓިކަލްވެފައި އޮތް ދަނޑިވަޅެއްގައި އެމްއެންޑީއެފްގެ ހުރިހާ އެންމެންް މައި މަރުކަޒަށް ވެއްދުން، މި ހުރިހާ ނިންމުންތަކަކީ ރޭވުމެއްކަމަށްވާނަމަ، އެހުރިހާ ނިންމުމެއް ނިންމި ފަރާތަކީ އެ ރޭވުންތައް ރޭވުމުގައި ހިމެނުނު މީހެކެވެ. އެ ދުވަހު ހިނގާދިޔަ ގިނަ ކަންތައްތަކަކީ އޭގެ އަމިއްލަ އިޚްތިޔާރުގައި ކުއްލިއަކަށް ހިނގާދިޔަ ކަންތައްތަކެކެވެ. އެއަކު އެއްވެސް ސުއާލެއް ނެތެވެ. އެކަމަކު ސަރުކާރު ބަދަލު ކުރުމަށް، ވެރިކަމުން ދުރުކުރުމަށް ޕްލޭންތަކެއް ނެތްކަމަށް އަޅުގަނޑު ނުދަންނަވާނަމެވެ. 2003 އިން ފެށިގެން 2008ގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފެނުނީ، ކޮންމެ ދުވަހަކު ވެސް، ސަރުކާރު ބަދަލުކުރުމަށް ޕްލޭންތައް ކޮށްގެން މީހުން މަސައްކަތް ކުރަމުންދިޔަ ތަނެވެ."

ރައީސް ނަޝީދަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކުރި ހިސާބުން ފެށިގެންނެވެ. އޭގެފަހުން ފުލުހުންނަށާއި ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުކުރަންފެށި ހިސާބުން މުޅި ނިޒާމު ބޮއްސުންލައިގެންދިޔައެވެ.

ފެބުރުއަރީ 7 ގެ މައްސަލަ ތަހުގީގުކުރަން ޑރ. ވަޙީދުގެ ސަރުކާރުން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީއިން އެ ހާދިސާގެ ކަންތައްތައް ތަހުގީގު ކުރުމަށްފަހު ނިންމީ ޤާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވަތަ ކޫ ޑެޓާއެއް ރައީސް ނަޝީދުގެ އިސްތިއުފާގައި ހިމެނިގެން ނުވާކަމަށެވެ. އެ ތުހުމަތުތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް ކޮމިޝަނަށް ލިބިފައނުވާކަމަށެވެ. ހަގީގަތަކީ މިއީ ކަމަށް ވާއިރު ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާއަކީ ބަޣާވާތެއްކަމުގައި ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟