Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

މިލާން ބަލިކޮށް އިންޓަ އެއްވަނަ އަށް

4-2 އިން އޭސީ މިލާން ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނަ އަށް އިންޓަ މިލާން އަރައިފިއެވެ.

ލީގުގެ އެއްވަނައިގައި 54 ޕޮއިންޓާ އެކު އިންޓަ އޮތްއިރު، ދެވަނައިގައި އޮތް ޔުވެންޓަސް އަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. އިންޓަ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިންވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ލާޒިޔޯ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 40 ވަނަ މިނެޓްގައި ރެބިޗް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޒްލަޓާން އިބްރަހިމޮވިޗް ވަނީ މިލާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އިންޓަ އިން ކުޅުން ރަނގަޅު ކުރިއިރު، މި ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ދެ ގޯލު އިންޓަ އަށް ކާމިޔާބުކޮށްދިނީ ބްރޮޒޮވިޗް އާއި ވެޗީނޯ އެވެ.

މި ދެ ގޯލަށްފަހު ވެސް އިންޓަ އިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުގެ 70 ވަނަ މިނެޓްގައި ސްޓެފަން ޑި ވްރައިގެ ގޯލުން އިންޓަ އިން ވަނީ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. އިންޓަ އަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

އިޓާލިން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފޯރިގަދަ ވެފައިވާއިރު، ލީގުގައި އިންޓަ ދެން ބައްދަލުކުރާނީ ލާޒިޔޯއާއެވެ.