Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ރެއާލް ލީޑު ދެމެހެއްޓިއިރު، ބާސާ އަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 52 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ބާސާ އޮތީ 49 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ގެޓާފޭއެވެ.

ރެއާލް ރޭ މޮޅުވީ އޮސަސޫނާއާ ބައްދަލުކޮށް 4-1 އިންނެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ގާސިއާ ވަނީ އޮސަސޫނާ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލް އިން ވަނީ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. އެގޮތުން މި ދެ ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ އިސްކޯ އާއި ސާޖިއޯ ރާމޯސް އެވެ.

ރެއާލްގެ ފަހު ދެ ގޯލު މެޗުގެ ފަހު ފަސް މިނެޓްތެރޭ ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އާއި ލޫކަ ޖޮވިޗްއެވެ. މިއީ ލީގުގައި ޖެހިޖެހިގެން ރެއާލް މޮޅުވި ފަސްވަނަ މެޗެވެ.

ބާސާ ރޭ މޮޅުވީ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ބައްދަލުކޮށް 3-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކަނާލޭސް ވަނީ ބެޓިސް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 9 ވަނަ މިނެޓްގައި ފްރެންކީ ޑި ޔޮންގް ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 26 ވަނަ މިނެޓްގައި ފަކީރް ބެޓިސް އަށް އަލުން ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖިއޯ ބުސްކެޓްސް ވަނީ ބާސާ އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ބާސާ މޮލުވި ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލެންގްލެޓް އެވެ. މި މެޗު ފަހު 10 މިނެޓްތެރޭ ބާސާގެ ލެންގްލެޓް އާއި ބެޓިސްގެ ފަކީރް އަށް ރަތްކާޑު ދެއްކުމުން ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.