Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ޕްރެޝަރު ބޮޑުވުމުން އަނދުން ހުސެއިން މައާފަށް އެދިއްޖެ

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް - ފޮޓޯ: މަޖިލިސް

މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވި މައްސަލާގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މައާފަށް އެދިއްޖެއެވެ.

ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ދައްކަމުން އެ ރައްޔިތުން އުޅެމުންދަނީ ރެފިއުޖީންނާއި އެއްގޮތަށް ކަމަށާއި އަދި މާލެ މިހާރު މިއޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށްދިނުމަށް ކަމަށެވެ.

އެއީ އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަށް ދެއްވި ވާހަކަތަކެއް ނޫން ކަމަށާއި ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައިނުވާނެ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ" ހުސެއިން ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މިދިޔަ ހޯމަ ދުވަހުގެރޭ ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.

"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި" ހުސެއިން ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވަނީ ފަލަސްތީނަށް ދިމާވެފައިވާ ފަދަ ފަލަސްތީނަށް ދިމާވެފައިވާ ފަދަ ހާލަތެއް ކަމަށް ހުސެއިން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އޭނާ އަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.