Last Updated: June 30, 20:43
Monday, June 30, 2025
ދުނިޔެ

ކޮރޯނާ ވައިރަސް: ވެކްސިނެއް އުފައްދަން 18 މަސްދުވަސް ނަގާނެ

ނުރައްކާތެރި ކޮރޯނާ ވައިރަހާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އުފައްދަން 18 މަސް ދުވަސް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ވިދާޅުވީ ވައިރަހާ ދެކޮޅަށް އުފައްދާ ފުރަތަމަ ވެކްސިން ލިބެން 18 މަސް ދުވަސް ނަގާނެ ކަމަށާއި އެހެންކަމުން މިހާރު ހުރި ވަސީލަތްތަކާއެކު މި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ވައިރަސް ހުއްޓުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން ޓެޑްރޯސް ވަނީ މުއްސަނދި ގައުމުތަކުން ބަލިކަށި ސިއްހީ ނިޒާމު ހުރި ގައުމުތަކަށް އެހީތެރިވުމަށް ވެސް ގޮވާލާފައެވެ.

"ބަލިކަށި ސިއްހީ ނިޒާމު ހުރި ގައުމުތަކާ ހަމައަށް މި ވައިރަސް ފެތުރިއްޖެނަމަ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ" ޓެޑްރޯސް ވިދާޅުވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ޓެޑްރޯސް ވަނީ ކޮރޯނާ ވައިރަހަށް ކިޔާނެ ރަސްމީ ނަންވެސް އިއުލާންކޮށްފައެވެ. އެގޮތުން ޑަބްލިއުއެޗްއޯ އިން މި ނުރައްކާތެރި ބައްޔަށް ދީފައިވާ ނަމަކީ "COVID-19" އެވެ.

މި ބަލީގައި މިހާތަނަށް 1،108 މީހުން މަރުވެފައިވާއިރު، މި ބަލި މިހާތަނަށް ވަނީ 40،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ.