Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ބޮޑާހޭކުން ހުއްޓާލައި، ކެންޑިޑޭޓުން ހޮވަން މަސައްކަތްކޮށްދީ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ބޮޑާހޭކުން ހުއްޓާލުމަށްފަހު ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުން ހޮވަން މަސައްކަތްކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާންމު މެމްބަރުންނަށް މިރޭ ގޮވާލައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީ ވެސް މިހާރު ނިމިފައިވާ ކަމަށާއި ޒުވާބުކުރުމާއި، އެކަކު އަނެކަކަށް ބޮޑާހޭކުން ވެސް މިހާރު ނިމިފައިވާ ކަމަށާއި އެގޮތުން މިހާރު ހުރިހާ އެންމެން ވެސް އެއްވާނެއްގައި ނިކުމެ ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން ހޮވަން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ދެން އެއްވާނެއްގައި ނިކުމެ މި މަސައްކަތް އެހަށް ކޮށްލަންވީ. ކޮށްގެން ފަހުން އަނެއްކާވެސް ބޮޑާހާކަން ތިބޭނީ އަޅުގަނޑުމެން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެހެން ފަރާތްތަކުގެ ކައިރީގައި ބޮޑާހޭކި ނަމަވެސް ޕްރައިމަރީން ބަލިވި އެއްވެސް ފަރާތަކުން އެމަނިކުފާނުގެ އަރިހުގައި އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށާއި އެގޮތުން ޕްރައިމަރީން ބަލިވި ވަރަށް ގިނަ ފަރާތްތަކާ މިިހާރު ވާހަކަދައްކާފައިވާ ކަމަށެވެ.

އެގޮތުން ޕްރައިމަރީން ބަލިވި ސިޓީތަކުގެ މޭޔަރުން ވެސް ތިއްބެވީ ކޯޑިނޭޓަރުންނަށް ވެގެން މި އިންތިހާބު ޕާޓީ އަށް ކާމިޔާބުކޮށްދިނުމުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ވެސް ކެމްޕޭން ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އެގޮތުން ހުރިހާ އެންމެން ނިކުމެ މި އިންތިހާބު އެމްޑީޕީން ވަރަށް ރަނގަޅަށް ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.