Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުން މި މަހު 21 ގައި

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުން މިމަހުގެ 21 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން މެނޭޖަރ އަޙްމަދު ޝާހިދު (ސާބެ) ވިދާޅުވީ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާ ބޭއްވުމަށް ރާވާފައިވަނީ ހުރިހާ ރަށެއް އަދި ހުރިހާ ސިޓީ އެއްގައި އެއްވަގުތެއްގައި ކަމަށެވެ.

މި ޖަލްސާ ކުރިއަށް ދާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ވަގުތުން ދެއްކޭނެގޮތް ހަމަޖެހިގެންދާނެ ކަމަށާއި އެއަށްފަހު އެ ޖަލްސާތަކުގައި ވާހަކަ ދައްކަވާނީ އެރަށެއްގެ ކައުންސިލަރުންކަމަށް ސާބެ ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައި މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތެއް ކުރިއަށްގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސާބެ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ މަހުގެ 31 ގައި ވަނީ ޕްރައިމަރީ ބާއްވާފައެވެ. މި އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.