Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ކޮރޯނާވައިރަސް: އިއްޔެ އެކަނި 97 މަރު

ކޮރޯނާވައިރަސް ޖެހިގެން އިއްޔެ އެކަނި 97 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މަރުވި 97 މީހުންގެ ތެރެއިން 94 މީހުން ނިސްބަތްވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސަށެވެ.

މީގެއިތުރުން އިއްޔެ އެކަނި ވަނީ މި ބައްޔަށް އިތުރު 2015 މީހުން ޕޮޒިޓިވް ވެފައެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ހުބެއި ޕްރޮވިންސްގައި ކަމަށްވާއިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،113 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 44،653 އަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ.

އަދި ބައެއް ގައުމުތަކުން މިހާރު އަންނަނީ ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.