Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން ކަމަށް، ފިނޭންސް މިނިސްޓްރީން ބުނުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ މީ އެޖެންޑާ19 ގެ އަސްލު ކުލަ ކަމަށާއި އަދި ކޮންމެ ގޯސްކަމެއް އެމްޑީޕީ އާ ޖެހުމުން ވަނީ އެންމެ މޮޅު ގޮތަށް ކަމަށެވެ. އަދި ޒީރޯ ޓޮލަރެންސަކީ ކޮބައިތޯ ސުވާލު އުފައްދަވައި ޖަމީލު ވަނީ އެއީ އަތް ބާނައިގެން ވަޒީރުން ހިންގާ އަމަލުތައްތޯ ވެސް ސުވާލުކުރައްވާފައެވެ.

"ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން. މި ސަރުކާރުވެސް އެ މިސްރާބަށް" ޖަމީލު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް އާންމު ބިޑަކަށް ނުލައި، ސެލެކްޓިވް ބިޑިންއަކަށް ހުޅުވާލަން ރައީސް އޮފީހުގެ ހުއްދައާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސިޓީއެއް ހުށަހެޅި ކަމަށެވެ. އެ މަޝްރޫއު ބިޑަކަށް ނުލައި އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިފަހަކަށް އައިސް ސަރުކާރުން ހިންގާ ގިނަ ޕްރޮޖެކްޓުތައް އަންނަނީ އެސްޖޭ ކުންފުންޏާ ހަވާލުކުރަމުންނެވެ.