Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމުން: އަދުރޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރާނީ އިދިކޮޅު ޕީޕީއެމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީން ނެރޭ ކެންޑިޑޭޓު ކަމަށްވާ އަނަސް އަބްދުއްސައްތާރު ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އަނަސް އަށް 12،000 ވޯޓު ލިބޭނެ ކަމަށާއި އަނަސްއާ ވާދަކުރާ ކެންޑިޑޭޓަށް 1500 ވޯޓު ވެސް ނުލިބޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ބަލިވާނެކަން އެމްޑީޕީ އަށް މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެގޮތުން އެފަދަ ވާހަކަތަށް ދައްކަމުންދަނީ ޕީޕީއެމްގެ މެމްބަރުންގެ ސިކުނޑިތަކާއި ކުޅެ މާޔޫސްކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

"އެއްގޮތަކަށް ވެސް ހިތްވަރު ބަލި ނުކުރައްވާތި، އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ މިފަހަރު މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމުން" އަދުރޭ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ނެރުމަށް ނިންމާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކަމަށްވާއިރު އަދުރޭ ވިދާޅުވީ މުއިއްޒު އަކީ މާލެ އަށް ބޭނުންވާ ބަދަލުތައް ގެނެވޭ ވަރުގެ ގާބިލު ބޭފުޅެއް ކަމަށެވެ. އަދި މުއިއްޒު އަކީ ނަތީޖާ ނެރެދީފައިވާ ބޭފުލެއް ކަމަށާއި މާލެ އަށް ބޭނުންވަނީ ވެސް ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކީގައި ކައުންސިލުތަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން މާލޭ އަށް އެދެވޭ ބަދަލެއް ގެނެސްދެވޭނެ ބޭފުޅަކީ މުއިއްޒު" އަދުރޭ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްުވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.