Last Updated: April 19, 18:16
Friday, April 19, 2024
ރިޕޯޓް

އަލީ ވަޙީދުގެ ނިންމެވުމުގެ ސަބަބުން ސަރުކާރު ބަދުނާމު ވަނީ

މޯލްޑިވްސް ޓްރޭޑް ޔުނިއަންއިން ބޭނުންވި ވަރަށް އާދައިގެ ސުއާލުތަކަކަށް ޓޫރިޒަމް މިނިސްޓްރީން ޖަވާބުދާރީ ނުވެ ބޮޑާހާކައި، ނޫސް ބަޔާން ނެރުމުން ޓޫރިޒަމް މިނިސްޓަރ ސިއްރު ކުރަން އުޅޭ މައުލޫމާތު ހޯދަން ގިނަ ބަޔަކު ޝައުގުވެރިވެެއްޖެއެވެ.

ޓްރޭޑް ޔުނިއަންއިން ޓޫރިޒަމްއަށް ހުށަހެޅި ސުވާލުތަކަކީ މިއީއެވެ.

"އެމްއެމްޕީއާރުސީން ދިން ރަށްތަކަކީ ކޮބައިތޯއެވެ؟ އެރަށްތައް ދިނީ ކޮންބަޔަކަށް ތޯއެވެ؟ ދިންކަމަށް ވާހަކަދެކެވޭ ރަށްތައް ދޫކޮށްފައި ވަނީ އެގްރިމެންޓް ކުރެވިގެން ތޯއެވެ؟"

ގަދަ އަޑަކުން، ބަރުއަޑަކުން އާއްމުކޮށް ވާހަކަދައްކަވާ، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މިނިސްޓްރީން މައުލޫމާތުނުދީ މި ބުނަނީ އިންވެސްޓަރުން ހިމާޔަތް ކުރާނަމޭ އެ މައުލޫމާތު ދިނުމުން އަރައިގަނެވެނީ އިންވެސްޓަރުންގެ ހައްގަށް ކަމަށެވެ.

"ޢަލީ ވަޙީދުއެވެ! މައުލޫމާތު ނުދެއްވުމުން ބައެއްގެ ހައްގަކަށް އަރާވަޑައި ނުގަނެވޭތޯއެވެ؟ މައުލޫމާތު ނުދެއްވުމަކީ ގާނޫނަކަށް އަރާވަޑައިގަތުންކަމަށް، ގާނޫނަކާ ޚިލާފުވެވަޑައިގަތުންކަމަށް ނުވޭތޯއެވެ؟"

މައުލޫމާތު ހޯދާ ލިބުމުގެ ޤާނޫނުގައި ބުނެފައި ވަނީ، މައުލޫމާތެއް ހޯދަން އެދި ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ދޭންވާނެ ކަމަށެވެ. ޓްއަރިޒަމް މިނިސްޓްރީއަށް އެކަމެއް ނުވިއެވެ.

ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ވަނީ އުނގެނުމާއި އުނގަންނައިދިނުމާއި މައުލޫމާތު ހޯދައި، މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. މިކަންވެސް ޓްއަރިޒަމް މިނިސްޓްރީއަށް ވީކަމަކަށް ނުވެއެވެ.

ޓްއަރިޒަމް މިނިސްޓްރީން އަންގަވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރްސީ)ން ފަޅު ރަށްތައް ކުއްޔަށް ދޫކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހޯދަން އެދޭނަމަ މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ކޯޓަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ އިދާރާއަށް ދިއުމުން، ޖަވާބުދާރީވާން ތައްޔާރަށް އޮތް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ނޫސް ބަޔާނެއްގައި ހާމަކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއިން ޓްރޭޑް ޔޫނިއަންއިން މައުލޫމާތު ހޯދަން އެދުމުން އެއްވެސް ޖަވާބެއް އެ މިނިސްޓްރީން ނުދޭކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރ ޙުސެއިން ފިޔާޒް މޫސާ ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށެވެ. ދޮގު މައުލޫމާތެއް އާއްމުކުރުމުން ކަންބޮޑުވާކަމަށެވެ.

ޓްރޭޑް ޔޫނިއަންއިން އެދުނު މައުލޫމާތު ދޭން ޓޫރިޒަމް މިނިސްޓްރީން އިންކާރު ކުރަމުން ދަނީ، އެމްއެމްޕީއާރްސީގެ އެގްރީމެންޓްގެ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިސްތިސްނާވާ މައުލޫމާތުތައް ކަމަށް ނިންމުމަށް ފަހުގައެވެ. ނަމަވެސް، ޓްރޭޑް ޔޫނިއަނުން އެދުނު މައުލޫމާތު އިސްތިސްނާ ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ޙުސެއިން ފިޔާޒު މޫސާ ވަނީ ނިންމަވާފައެވެ.

ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް، ހޯދައި ލިބިގަތުމަކީ، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތީން އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒުކުރެވޭނެ ހައްގެކެވެ. "ތަންފީޒުކުރެވިދާނެ ގާނޫނީ ހައްގެއްކަމަށް ބުނެފައި މިވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވެގެންވާ ގޮތުގެމަތީން ނުވަތަ ފަނޑިޔާރުގެއެއް މެދުވެރިކޮށް އެ މައުލޫމާތެއް ހޯދަން އެދެވިދާނެކަމާއި އަދި އެކަން އެގޮތަށް ކޮށްދިނުމަށް އެދި ގާނޫނީ އަމުރެއް ނުވަތަ ޝަރުޢީ އަމުރެއް ނެރެވިދާނެކަމާއި އެ އަމުރެއްގެ މަންފާ ހޯދިދާނެކަމަށް ބަޔާންކުރުމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުމުގެ ބާރު ލިބިގަނެވިފައިވާ އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚުޞެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަށް ގާނޫނީ ގޮތުން ލިބިދޭ ބާރުތަކުގެތެރެގައި ކަމާގުޅޭ ފަރާތްތައް ހާޒިރުކުރުން، ކަމާގުޅޭ ގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާންނެގުން، މައުލޫމާތަށް އެދުން، ލިޔެކިއުމަށް އެދުން، ލިޔެކިިޔުން ހުށަހެޅުމަށް އެންގުން، ވަކިލިޔުމެއް ނުވަތަ ވަކިމައުލޫމާތެއް އިންފޮމޭޝަން ކޮމިޝަނަށް ފޮނުވަން އެންގުން، ދައުލަތުގެ ވަކި އިދާރާއެއްގައި ހުރި މައުލޫމާތެއް ފޮނުވުމަށް އެންގުން، ވަކިލިޔުމެއް ފާހަގަކޮށް އެ ލިޔުމެއް ހުށަހަޅަން އެންގުން، ދައުލަތުގެ އިދާރާއަކަށް ވަނުން، ކަމާގުޅޭ މައުލޫމާތެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއެއް ބަލައި ފާސްކުރުމާއި އެ މައުލޫމާތެއް ފެނިއްޖެކަމަށްވާނަމަ، އެ މައުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ޓްރޭޑް ޔުނިއަންއިން ހޯދަން އުޅޭ މައުލޫމާތު ޓްއަރިޒަމް މިނިސްޓްރީން ނުދިނުމާގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިމަހު 11 ވަނަ ދުވަހު އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ވެސް ޓްއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަޑައެއްނުގަންނަވައެވެ.
ކޮމިޝަނަރު ފިޔާޒު އެކަން ސިފަކުރެއްވީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައެވެ.

ޓްރޭޑް ޔުނިއަނަށް ބޭނުންވެގެން އުޅޭ މައުލޫމާތު ޓްއަރިޒަމް މިނިސްޓްރީން ނުދިނުމާއި އައިކޮމްއާއި ޓްއަރިޒަމމް މިނިސްޓްރީއާ ދެމެދު އުފެދިގެން އުޅޭ މައްސަލަތަކާ ވިދިގެން މިނިސްޓަރ ޢަލީވަހީދަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ބައެއް ފާޑުކިއުންތައް ސަރުކާރަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ރައްދުވެއެވެ.

ހޯދަން މިއުޅެނީ ޢަލީ ވަޙީދު މާލެއިން ބައްލަވައިގެންނެވި ގޯއްޗެއްގެ މައުލޫމާތެއް ނޫނެވެ. ހޯދަން މިއުޅެނީ ޢަލީ ވަޙީދު ހުޅުމާލެއިން ބައްލަވައިގެންނެވި ބިމެއްގެ މައުލޫމާތެއްނޫނެވެ. ހޯދަން އުޅެނީ ޢަލީ ވަޙީދު ޑީއާރުޕީގައި ހުންނަވާފައި، އެމްޑީޕީއަށް ބަދަލުވެވަޑައިގެންނެވުމުގައި މިލިއަން މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގާފައިވޭތޯއެއްނޫނެވެ. ހޯދަން އުޅެނީ ޖޭޕީގެ ރައީސެއްގެ މަގާމުގައި ޢަލީ ވަޙީދު ހުންނަވައި އެ ޕާޓީއަށް ޚިދުމަތް ނުކުރައްވާ މައްސަލައެއްނޫނެވެ. ހޯދަން އުޅެނީ އެމްއެމްޕީއާރުސީގެ ރަށްތަކުގެ މައުލޫމާތެވެ. އެ މައުލޫމާތު ނުދެއްވައި ޢަލީ ވަޙީދު ހިފަހައްޓަވަނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ؟ މިއީ ބޮޑު ސުއާލެކެވެ.

ޢަލީ ވަޙީދުގެ ބައެއްކަންކަން ރާއްޖޭގެ ގިނަ މީހުންނަށް ނޭނގުނަސް ބޫންބޫންއޭ ވިދާޅުވެ ފްލައިޓް ދުއްވެވިގޮތާއި ރައީސް ނަޝީދު ހަފުތާގެ
ދުވަސްތައް ހޭދަ ކުރައްވާ ގޮތް ޢަލީ ވަޙީދު ބަޔާންކޮށްދެއްވި ފުރިހަމަގޮތް އެތައްހާސް ބަޔަކު ވަނީ ސިކުޑިއަށް ރެކޯޑު ކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ހުރިހާ ކަމެއްވެސް ހާމަކޮށްގެން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް ވަޢުދުވެފައިވާ ސަރުކާރެކެވެ. އެކަމަކު ޢަލީ ވަޙީދު ފަދަ ބޭފުޅުންގެ ސަބަބުން ނަޒާހާތްތެރިކަން ކަށަވަރުކުރުމުގެ އިމްތިޙާނުތަކުން ސަރުކާރު ދަނީ ފޭލުވަމުންނެވެ.
އަލީ ވަހީދޫ އެވެ! މަނިކުފާނުގެ ސަބަބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ "ޞާލިޙު" ސަރުކާރު ދަނީ ބަދުނާމުވަމުންނެވެ.
ރައީސް އިބޫ ޞާލިޙުގެ ސަރުކާރު ބަދުނާމު ކުރެއްވުން ޢަލީ ވަޙީދު ހުއްޓަވާލައްވާށެެވެ!